މާފުށީ ޖަލު ވަށައިގެން 20 ފޫޓު އުސް ފާރެއް ރާނަނީ

ކ. މާފުށީ ޖަލުގެ ވަށައިގެން 20 ފޫޓު އުސްމިނުގެ ކޮންކްރީޓް ފާރެއް ރޭނުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް އަބުދުއްސަމަދު މިއަދު 'ސަން'އަށް ވިދާޅުވީ، ޖަލު ވަށައިގެން ފާރެއް ރާނަން ނިންމީ ޖަލުގެ ސެކިއުރިޓީ ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި ޖަލުގެ ކޮންކްރީޓް ފާރު ރޭނުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މާދަމާ މާފުށީގައި އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޖަލުގެ ވަށައިގެން ރާނާ ފާރުގެ ބިންގާ އެޅުމުގެ ރަސްމިޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދާއި ކޮމިޝަނާ އޮފް ޕްރިޒަން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖަލުގެ ސެކިއުރިޓީ ކަންކަން ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ.

މާފުށީ ޖަލު ވަށައިގެން 20 ފޫޓުގެ ކޮންކްރީޓް ފާރެއް ރާނަން ނިންމާފައިވާއިރު، ދާދިފަހުން ވަނީ ޖަލުގެ ހައި ސެކިއުރިޓީގައި ތިބި ނުރައްކާތެރި ދެ ކުއްވެރިން ކަމަށްވާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި ގއ. މާމެންދޫ، ޖަވާހިރުވާދީ، ފަރިޔާޝް އަހުމަދު ޖަލުގެ ގޮޅިއެއްގެ ތޭރިތައް ކީހާލައިގެން ފިލާފަ އެވެ. އަދި ފުލުހުން މިހާރު ވަނީ، އެ ދެ ކުށްވެރީން ހައްޔަރު ކުރުމަށްފަހު މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު