ލ. އަތޮޅު މުބާރާތް:
ތުނޑީ ޓީމާއި މުންޑޫ ވާދަކުރި މެޗު އެއްވަރު ވެއްޖެ

ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގައި އިއްޔެ ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަން ކްލަބާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ތުނޑީ ޓީމުން މެޗު ފަށައިގެން ފުރަތަމަ ހަތަރު ސިކުންތުގެ ތެރޭގައި ލަނޑު ޖަހައި ކުރިހޯދި އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ހަސަން ލިޝާން އެވެ.

ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ އިބްރާހިމް ސޮބާހު ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ ހުސައިން ޒިޔާދެވެ.

އަތޮޅުތަކަށް ޚާއްސަކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ލ. އަތޮޅު މުބާރާތުގެ ގްރޫޕް 'އޭ' ގައި މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އިސްދޫ އަމާޒު ޖަމިއްޔާ އާއި މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

ލ. އަތޮޅު ފުޓްބޯޅަ މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ގްރޫޕް 'އޭ'ގެ މެޗުތައް ކުރިއަށް ގެންދަނީ މާބައިދޫގައެވެ. އަދި ގްރޫޕް 'ބީ'ގެ މެޗުތައް ކުރިއަށް ގެންދަނީ ކުނަހަންދޫގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު