ހަށިގަނޑުގެ ދިފާއު ވަރުގަދަކޮށްދޭ އެތައް ބުއިމެއް!

ބަލިތަކުން ސަލާމަތްވުމަށް އެންމެ ފަސޭހަ އެއް ގޮތަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންވާ މައިގަނޑު ބައިތަކަކީ އެންޓިއޮކްސިޑެންޓްސް، ވިޓަމިންސް އާއި މިނަރަލްސް އެވެ. މިހުރިހާ ބައިތަކަކީ ވެސް ގިނަ އަދަދެއްގެ މޭވާއާއި ތަރުކާރީ އިން ހޯދޭނެ ބައިިތަކެކެވެ. އެފަދަ މޭވާ އާއި ތަރުކާރީ ހުންނަ ކާއެއްޗެހި ނުވަތަ ފަނި ކޮންމެ ދުވަހަކު ވެސް ބުއިމުން ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދޭނެ އެވެ. މިލިޔުމުގައި އަލިއަޅުވާލާނީ ދިފާއީ ނިޒާމަށް "ކިކް ސްޓާޓެއް" ދޭނެ އަށް ވައްތަރެއްގެ ބުއިމެއްގެ ވާހަކަ އެވެ.

އެގޮތުން އެންމެ ފުރަތަމަ މިބަލާލަނީ ބާޒާރުން އެންމެ އަގުހެޔޮކޮށް ލިބޭ އަދި ގިނަ އަދަދެއްގެ ވިޓަމިން ސީ އާއި އެންޓިއޮކްސިޑަންޓްސް އެކުލެވޭ ލުނބޮއަށެވެ. އެންޓި އޮކްސިޑަންޓްސް އަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގެ އިތުރުން ކާއެއްޗެހި ހަޖަމުކުރުމުގައި ވެސް އެހީތެރިވާ އެއްޗެކެވެ. ކޮންމެ ދުވަހަކު ހެނދުނު ހުސްގޮހޮރާ ހުރެ ތާފަނާ ފެނަށް ލުނބޯ ހުތް އަޅައިގެން ބުއިމުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދެނީ ލުނބޮލުގައި އެކުލެވޭ އެންޓި އޮކްސިޑަންޓްސް ބައިގެ ސަބަބުންނެވެ.
ލުނބޯ ފަނި--

ދެން އޮތީ އެޕަލް ސައިޑާ ވިނެގާ ޖޫހުގެ ވާހަކަ އެވެ. އެޕަލް ސައިޑާ ވިނެގާއަކީ އާފަލު ޗިސްކޮށްގެން އޭގެ ދިޔަ ބޭނުންކޮށްގެން ހަދާފައި ހުންނަ ފަންޏެކެވެ. މިފަންޏަކީ ކެލްސިއަމް، ސޯޑިއަމް، ޕޮޓޭސިއަމް، ފޮސްފަރަސް، ކްލޯރިން، މެގްނީސިއަމް، ސަލްފާ، ފްލޫރިން އަދި ދަގަނޑު ފަދަ ގިނަ އަދަދެއްގެ ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ ފަންޏެކެވެ. މިފަންޏަކީ ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގެ އިތުރުން ހަށިގަނޑުގެ ބަރުދަން ވެސް ލުއިކޮށްދޭ އެއްޗެކެވެ.
އެޕަލް ސައިޑާ ވިނެޖާ ފަނި--

ދެން މިބަލާލަނީ ގްރީން ޓީއަށެވެ. ބަލިތަކުން ސަލާމަތް ކުރުމަށް އެހީވާ މިސަޔަކީ ގިނަ އަދަދެއްގެ އެޕިގަލޯކަޓެޗިން ނުވަތަ އީޖީސީޖީ އެކުލެވޭ ސައިފަތަކުން ހަދާ ސަޔެކެވެެ. މިސަޔަކީ ހަށިގަނޑަށް އެތެރެވާ ނޭދެވޭ ޖަރާސީމު ނައްތާލާ މީހާގެ ބަރުދަން ވެސް ލުއިކޮށްދޭ އެއްޗެކެވެ. އެންމެ ފަހުގެ ހޯދުންތަކުން ބުނާ ގޮތުގައި ކެންސަރު ބަލި ހުންނަ މީހުން ގްރީން ޓީ ބުއިން އާދަކޮށްފިނަމަ އެބަލި ހަށިގަނޑުގައި ފެތުރުން ކޮންޓްރޯލް ކުރެވެ އެވެ.
ގްރީން ޓީ ސައިތައްޓެއް---

ހަށިގަނޑަށް ފައިދާކޮށްދޭ މޭވާއެއް ކަމަށްވާ ކްރޭންބެރީ އަކީ މީރު ރަހައެއްގެ އިތުރުން ގިނަ އަދަދެއްގެ އެންޓިއޮކްސިޑަންޓްސްއާއި ވިޓަމިން ސީ އެކުލެވިގެންވާ މޭވާއެކެވެ. ކްރޭންބެރީ ފަންޏަކީ މީހާ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކުން ވެސް ރައްކާތެރިކޮށްދޭ ބުއިމެކެވެ.

ދެން މިބަލާލަނީ ބީޓްރޫޓް ފަންޏަށެވެ. ބީޓްރޫޓްއަކީ ވިޓަމިން ސީ، ކެރޮޓެނޮއިޑްސް، ސަލްފާ، ކެލްސިއަމް، މެގްނީސިއަމް، ޕޮޓޭސިއަމް ކޮލީންގެ އިތުރުން ދަގަނޑު ފަދަ ގިނަ އަދަދެއްގެ ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ ތަރުކާރީ އެކެވެ. ބީޓްރޫޓް ފަންޏަކީ މީހާގެ ސިކުނޑި ވަރުގަދަކޮށް، ހަށިގަނޑުގެ ލޭ ސާފުކޮށްދިނުމުގެ އިތުރުން ލިވާ ނުވަތަ ހުންކޮށި ވެސް ވަރުގަދަކޮށްދޭ ފަންޏެކެވެ. ބީޓްރޫޓް ފަންޏަކީ އޮލަކޮށް ހުންނަ އެއްޗަކަށް ވުމުން އެފަންޏަކީ ބުއިމަށް އެހާ ރަހަމީރު ފަންޏެއް ނޫނެވެ. އެހެންވުމުން ބީޓްރޫޓް ފަންޏާ އާފަލު ފަނި ނޫނީ ކެރެޓު ފަނި އެއްކޮށްގެން ވެސް ބޮވިދާނެ އެވެ.
ބީޓްރޫޓް ފަނިތައްޓެއް---

ދެން މިބަލާލަނީ ވިޓަމިން އޭ، ވިޓަމިން ސީ އާއި ވިޓަމިން އީ އިން ފުރިފައިވާ އެއް މޭވާ ކަމުގައިވާ ކިވީ އަށެވެ. ކީވީ އަކީ ވިޓަމިންސްގެ ބާވަތްތަކުގެ އިތުރުން ގިނަ އަދަދަކަށް ފައިބަރާއި ޕޮޓޭސިއަމް ވެސް އެކުލެވިގެންވާ މޭވާއެކެވެ. އަދި މިމޭވާގެ ފަންޏަކީ ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށް ޚާއްސަކޮށް ހިތުގެ ބަލިތަކުން ސަލާމަތްކޮށްދޭ މޭވާއެކެވެ.
ކިވީ ފަނި--

ބީޓާ-ކެރޮޓީން އާއި ވިޓަމިން ސީ، ކެލްސިއަމް، ޕްރޮޓީން، ޕޮޓޭޝިއަމް އާއި ސަލްފާ ފަދަ ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ ބްރޮކޮލީ އަކީ ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރާ އެއް ތަރުކާރީއެވެ. މިކްސްޗަރުން ގިރައިގެން ހަދާ ބްްރޮކޮލީ ފަންޏަކީ ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ހަށިގަނޑަށް ބޭނުންވާ އެހެން ބާވަތްތައް ކަމަށްވާ ދަގަނޑާއި ފައިބަރު ވެސް އެކުލެވިގެންވާ ފަންޏެކެވެ. ބްރޮކޮލީ ފަންޏަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމުގެ އިތުރުން ހަށިގަނޑުގައި ޖަމާވެފައި ހުންނަ ނޭދެވޭ ސަރުބީތައް ނައްތާލައި މީހާގެ ބަރުދަން ވެސް ލުއިކޮށްދިނުމަށް މަސައްކަތްކޮށްދޭ ތަރުކާރީ ފަންޏެކެވެ.
ބްރޮކޮލީ ފަނިތައްޓެއް--

އެންމެ ފަހު ފަންޏަކަށް މިބަލާލަނީ ކެރެޓު ފަންޏަށެވެ. ކުޑަ ކުދިންނަށާއި ބޮޑެތި މީހުންނަށް ވެސް ބުއިން ރަނގަޅު ރަހަމީރު ކެރެޓު ފަންޏަކީ ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ފަންޏެކެވެ. އޭގެއިތުރުން ކެރެޓުގައި ހުންނަ ވިޓަމިން ސީ، ވިޓަމިން ބީ، ޕޮޓޭސިއަމް އަދި ދަގަނޑުގެ ވައްތަރުތަކުން ހަށިގަނޑުގެ ނާރުތައް ވަރުގަދަވެ ގޮހޮރު ވެސް ސާފުކޮށްދެއެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު