އުނގޫފާރު ހޮސްޕިޓަލުގައި ތަމްރީނު ހޯދަމުންދާ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ރ. އުނގޫފާރު ހޮސްޕިޓަލުގައި ޕްރައިމެރީ ހެލްތު ކެއާގެ ރޮނގުން ތަމްރީނު ހޯދަމުންދިޔަ ކުއްޖަކަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު 1:40 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޔުނިވަސިޓީގައި ކިޔަވަމުން އަންނަ 21 ކުއްޖަކު އުނގޫފާރަށް ދިޔައީ ދެ ހަފްތާގެ ޓްރެއިނިން އަކަށެވެ. އެ ރަށަށް ދިޔަ 21 ކުދިންގެ ތެރޭގައި ހިމެނެނީ 18 އަންހެން ކުއްޖަކާއި ތިން ފިރިހެން ކުދިންނެވެ.

އެތަނުން އެއް ކުއްޖެއްގެ ބެލެނިވެރިއަކު މިއަދު ސަން އަށް ބުނީ އުނގޫފާރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުންގެ ފަރާތުން އެފަދަ "ހަޑި" އަމަލުތައް ފެންނަ ކަމަށް ދަރިވަރުން ބުނެ ޝަކުވާ ކޮށްފައިވާ ކަމަށެވެ. އަދި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ހޮސްޕިޓަލުގެ މީހުންނާ އެކު އެ ކުދިން ދަތުރުގޮސް އުޅުމުގެ ތެރޭގައި މޫދު ތެރޭގައި ކަމަށް ވެސް ސަން އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނަމަވެސް އެކަން ހޮސްޕިޓަލުގެ މެނޭޖަރު ހަސަން ޝަރީފް ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. ޝަރީފް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުގެ ލޯންޑްރީގައި އަންހެން ކުއްޖާ އެއްޗެއްހި ދޮންނަން ހުރެފައި ފިރެހެން ކުއްޖެއްގެ ގަޔަށް ފެންޖެހުމުން އެކުއްޖާ ގާތު މޫދަށް ދާން އެދުނު ކަމަށެވެ. އެވަގުތު ލޯންޑްރީ ތެރޭ ހޮސްޕިޓަލުގެ މުވައްޒަފުން ތިބި ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަންހެން ކުއްޖާ މޫދަށް ދިޔައީ ރުހުމުގައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ސަން އެނގިފައިވާ ގޮތުގައި އެ ހާދިސާ އަށް ފަހު ބައެއް ކުދިން ޓްރޭނިން އަށް ހޮސްޕިޓަލަށް ނުކުތުން ވަނީ ހުއްޓާލައިފަ އެވެ.

"ނުކުންނަން ބޭނުންވާ ކުއްޖެއް ދެއްތޯ ނުކުންނާނީ. ބޭނުންނުވާ ކުދިން ތިބޭނީ ގޭގައި،" ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހަކާ ދެކޮޅަށް ނުވަތަ މީހަކަށް ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުން ކަމުގައި ބެލެވޭނީ، އެ އަމަލު ހިންގާ މީހަކު ދައްކާ ވާހަކައަކު ނުވަތަ ބުނާ ބަސްތަކަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ދައްކާ ކުރެހުމަކުން ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުންނެވެ. ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ކުރާ ހަރަކާތަކުން ނުވަތަ ބަލާ ބެލުމަކުން ކުރާ އެނޫންވެސް އަމަލެއްގެ ސަބަބުން އެ އަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާއަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމުން ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު