ލަންކާގައި ކިޔަވާ ދަރިވަރުން އަންނަ އަަހަރު އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާނެ: ހައިކޮމިޝަން

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހިންގަމުންދާ ދިވެހި، އިސްލާމް ކްލާސްތަކުގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގައި ބައިވެރިވާނެ ކަމަށް އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ބުނެފި އެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު ލަންކާގައި ހުންނަވައިގެން "ސަން" އަދި "އެންބީސީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ލަންކާގައި ދިވެހި ހައި ކޮމިޝަން ކުރިން ހިންގި ސޯސަންވިލާގައި ހިންގަމުންދާ ދިވެހި، އިސްލާމް އަދި ގުރުއާން ކްލާސްތަކުގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާނެ ކަމަށެވެ.

"ލަންކާގައި އެސްއެސްސީ އިމްތިހާން ހެދުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަދައްކައި އިމްތިހާނުގައި ބައިވެރިވުމުގެ ކަންތައް ވަނީ ހަމަޖެހިފައި،" ސަފީރު ވިދާޅުވި އެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށި އެ ކްލާސްތަކުގައި މިހާރުވެސް 400 ވަރަކަށް ކުދިން ކިޔަވަމުންދެ އެވެ. އަދި އެ ކްލާސްތަކަށް ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ހައި ކޮމިޝަނުން ފާހަގަކުރައްވަ އެވެ.

ސޯސަންވިލާ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ރަޝީދު އާދަމް "ސަން" އަށް ވިދާޅުވީ، އަންނަ އަހަރު އެ ސެންޓަރުން 14 ވަރަކަށް ކުދިން އެސްއެސްސީ އިމްތިހާނުގައި ފުރަތަމަ ފަހަރަށް ބައިވެރިވާނެ ކަމަށެވެ.

ލަންކާގައި ދިރިއުޅޭ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، އެކުވެރިކަން އާލާކުރުމަށް މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ނަމުގައި ހުޅުވި އެ ސެންޓަރަކީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވެގެން ހިންގާ ތަނެކެވެ.

އެގޮތުން އެތަނުގައި ޒުވާނުންނަށް ހާއްސަ ޔޫތު ސެންޓަރެއްގެ އިތުރުން، ކަސްރަތުކުރުމަށާއި އެކިކަހަލަ ކުޅިވަރުކުޅުމުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު