އައިއެސް އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ

ވޮޝިންޓަން (އޮކްޓޯބަރ 25) : އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރަމުން ގެންދާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުން އިރާގުގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލައެއް ތަހްގީގް ކުރާނެ ކަމަށް އެމެރިކާ ބުނެިފ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ އައިއެސް އިން ދިން ކަމަށްބެލެވޭ ކެމިކަލް ގޭހުގެ ޙަމަލާއެއް އިރާގު ފުލުހުންގެ ބަޔަކަށް އަމާޒުކޮށް ދިންކަމަށް ބުނާ ރިޕޯޓްތަކެއް އެމެރިކާ ބަލަމުން ގެންދާކަމަށާއި މިކަން ވަރަށް ފުންކޮށް ތަހްގީގް ކުރުމަށް އެމެރިކާ ނިންމާފައިވާ ކަމުގަ އެވެ. އައިއެސް އިން އިރާގުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް އެތައް ފަހަރަކު ކްލޮރިން ގޭސް ބޭނުންކޮށްފައިވާ ކަމަށް އިރާގު ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

އައިއެސް ޖަމާއަތުގެ ކޮމާންޑަރުންނާއި އިސް މީހުންގެ ތެރޭގައި އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިނުގެ ދުވަސްވަރުގެ ސައެންޓިސްޓުން ގިނަ އަދަދަކަށް ހިމެނޭތީ އެމީހުންގެ ކިބާގައި ކެމިކަލް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހުންނާނެ ކަަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. މިގޮތުން ސެރިން ގޭހާއި ނާވް ގޭސްފަދަ ކެމިކަލް ގޭސްތައް އައިއެސްގެ ހަތިޔާރު ސްޓޮކްގެ ތެރޭގައި ހުރެދާނެކަމުގެ އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތުގެ ޖާސޫސީ އިދާރާތަކުން ދީފައިވެ އެވެ. ނަމަވެސް މިކަން ކަށަވަރު ވެފައެއް ނުވެ އެވެ.

ސައްދާމް ޙުސައިނުގެ ވެރިކަމުގައި އިރާގުގައި ކެމިކަލް ހަތިޔާރު އުފެއްދި ދުވަސްވަރު ބޭނުންކުރި ލެބޯޓްރީތަކާއި ކެމިކަލް ގުދަންތައް ހުރި ސަރަހައްދުތައް މިހާރުވަނީ އައިއެސްގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

އައިއެސް ޖަމާއަތުން އިރާގުގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ އެމެރިކާ ވާހަކަ ދައްކާއިރު ޚުދު އެމެރިކާއަކީ އިރާގުގެ އާންމުންނާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން މަނާ ވިހަ ހަތިޔާރުތައް ބޭނުންކޮށްފައިވާ ކަމަށް އެއްބަސްވެފައިވާ ހަރުކަށި އަނިޔާވެރި ގައުމެކެވެ. އެމެރިކާ ސިފައިން 2005 ވަނަ އަހަރު އިރާގުގެ ފައްލޫޖާގެ އާންމުންނާ ދެކޮޅަށް ޑިޕްލޭޓެޑް ޔޫރޭނިޔަމް އެކުލެވޭ ހަތިޔާރު ބޭނުންކުރިކަމަށް ޚުދު އެމެރިކާގެ ރަސްމީ ފަރާތްތަކުން އެއްބަސްވެފައިވެ އެވެ. ނަމަވެސް މިމައްސަލަ ބަލައި އެމެރިކާގެ މަސްއޫލުވެރިންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އަދި އެެމެރިކާ ސިފައިން ވިއެޓްނާމާ ދެކޮޅަށް ކުރި ހަނގުރާމައިގާ ވެސް ވިއެޓްނާމް ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ބޭޒާރުވެފައިވެ އެވެ. އިންސާނުންނާ ދެކޮޅަށް އެޓަމް ބޮން ބޭނުންކުރުމުގެ ޖަރީމާ ހިންގާފައިވާ ހަމައެކަނި ގައުމަކީވެސް އެމެރިކާ އެވެ. އެމެރިކާ ވަނީ 1945 ވަނަ އަހަރު ޖަޕާނުގެ އާންމުންނާ ދެކޮޅަށް އެޓޮމް ބޮން އަޅައިގެން ކުށެއްނެތް 3 ލައްކަ މީހުން އެއްފަހަރާ މަރާލާފަ އެވެ. މިޖަރީމާގެ ފަހަތުގައިވާ އެމެރިކާގެ ވެރިންވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވިފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު