ހަނގުރާމައަށް ދަނީ ކީއްވެ؟

ރާއްޖޭގެ ބައެއް ޒުވާނުން ވަނީ ހަނގުރާމަ ކުރުމަށް ސޫރިޔާއަށް ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ވަނީ މަރު ވެސް ވެފަ އެވެ. މުޅި ދުނިޔޭގައި ވެސް މި އޮއިވަރު އޮތީ މިހެންނެވެ. ޔޫރަޕްގެ ގައުމުތަކުގެ މީހުން ދަނީ ވެސް ސޫރިޔާގައި ހަނގުރާމަ ކުރާ އެކި އެކި ޖަމާއަތްތަކާ ގުޅެމުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ގުޅެމުން ދަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ އެވެ.

އިނގިރޭސިވިލާތުގެ ފުލުހުން މިދިޔަ އަންގާރަ ދުވަހު ބުނެފައި ވަނީ އެގައުމުން ކޮންމެ ހަފުތާއަކު ފަސް މީހުން ޖިހާދު ކުރުމަށްޓަކައި އިރާގަށް ނުވަތަ ސޫރިޔާއަށް ދަތުރުކުރާ ކަމަށެވެ. އެގައުމުގެ މެޓްރޮޕޮލިޓެއިން ޕޮލިސް ކަމިޝަނަރު ސާ ބާނާޑް ހޯގަން ހޯވޭ ބުނި ކަމަށް ދަ ގާޑިއަން ނޫހުން ބުނެފައި ވަނީ އެ އަދަދަކީ އަދި ލަފާ ކުރެވޭ އެންމެ މަދު އަދަދު ކަމަށެވެ. އޭނާ އެވާހަކަތައް ދެއްކީ ޕޯޓްސްމައުތުން ސޫރިޔާއަށް ދިޔަ 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ތިން ވަނަ މީހާ މަރުވުމާ ގުޅިގެންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އަންދާޒާ ކުރާ ގޮތުގައި ދުނިޔޭގެ ތަފާތު 50 ގައުމަކުން 12000 އަށް ވުރެ ގިނަމީހުން ވަނީ އައިއެސްއާ ގުޅިފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޒުވާނުން އައިއެސްއާ ގުޅޭތީ އެކާ މެދު އެމެރިކާއާއި ޔޫރަޕުގެ މުފައްކިރުން ވަނީ އެކަމާ ވިސްނައި ދިރާސާ ކުރަން ފަށާފަ އެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް އޮކޮލަހޯމާގައި، ހާއްސަކޮށް ސޫރިޔާއާ ބެހޭ ގޮތުން ދިރާސާ ކުރައްވާ ޖޯޝުއާ ލޭންޑިސް ވިދާޅުވެފައި ވަނީ އައިއެސްއާ މީހުން ގުޅޭ އެންމެ ބޮޑު އެއް ސަބަބަކީ މުސްލިމުން ހަމަ ހަމަ ކަމަށް އެޖަމާއަތުން ދެކޭތީ ކަމަށެވެ.

"... އެންމެ ބޮޑު ސަބަބަކީ އައިސިސް އިން ހުރިހާ މުސްލިމުންނަށް ދައުވަތު ދެނީ ހަމަ ހަމަ ބައެއްގެ ގޮތުގައި ކަމަށް ވުން. އެއީ އެމީހުން ބިނާކުރަމުން ދަނީ ސީރިއާއަށް ވަކިން ހާއްސަ ނުވާ އިސްލާމީ ދައުލަތަކަށް ވާތީ،" ޓައިމް މެގަޒިންއަށް ސެޕްޓެމްބަރު މަހު ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.

ލޭންޑިސް ވިދާޅުވެފައި ވަނީ އައިއެސްގެ ލީޑަޝިޕްގައި ގިނަ އަދަދެއްގެ އެހެން ގައުމުތަކުގެ މީހުން ހިމެނޭތީ އެ ޖަމާއަތުން އެއްވެސް މީހަކާ މެދު ތަފާތު ނުކުރާނެކަމުގެ ޔަގީންކަން މީހުންނަށް ލިބޭ ކަމަށެވެ.
އޭނާ ދެކޭ ގޮތުގައި އައިއެސްގެ ސޯޝަލް މީޑިއާ ކެމްޕޭން ވަރުގަދަ ވުމަކީ ވެސް އެޖަމާއަތާ ގުޅުމަށް ގައުމުތަކުން މީހުން ދަތުރުކުރާ ސަބަބެއް ކަމަށެވެ.

"... އެމީހުންގެ އޮންލައިން މެޓީރިއަލްތަކުން ފެންނަނީ ސަރަހައްދުތައް ހިފަމުން، ދައުލަތެއް ބިނާކުރަމުން، ދުޝްމަނުންގެ ބޯ ބުރި ކުރަމުން ދާތަން. އެމީހުން ދައްކަމުން ދަނީ އެމީހުންނަކީ އެންމެ ނަލަ ޖިހާދީ ގްރޫޕްކަން،" ލޭންޑިސް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި 24 އަހަރު މަސައްކަތް ކުރައްވާފައިވާ ޕީޓަ ވޭން ބޫރެން ވަނީ އައިއެސް އިން މީހުންގެ ޝައުގުވެރި ކުރުވާ ގޮތާ ބެހޭ ގޮތުން ރޮއިޓާސްގައި ވަރަށް ދިގުކޮށް ލިއުއްވާފަ އެވެ. އެމެރިކާ އިން 2003 ވަނަ އަހަރު އިރާގު ސުންނާފަތި ކޮށްލި ފަހުން އެއް އަހަރު ވަންދެން އިރާގުގައި ވެސް މަސައްކަތް ކުރައްވާފައިވާ ވޭން ލިއުއްވާފައި ވަނީ އައިއެސްއާ މީހުން ގުޅުން ހުއްޓުވުމުގައި އެމެރިކާ ނާކާމިޔާބުވި ގޮތާ ބެހޭ ގޮތުންނެވެ.

"... އެ ގްރޫޕްގެ މަސައްކަތް ވަރަށް ޕްރޮފެޝަނަލްވެފައި ސީރިއަސް އެވެ. ހާއްސަކޮށް އަލް ހަޔާތު މީޑިއާ ސެންޓަރު (މިސްރުގެ އަލް ހަޔާތު މީޑިއާ އާ ގުޅުމެއް ނެތް) މެދުވެރިކޮށް އާއްމުކުރާ ތަކެއްޗެވެ،" އައިއެސް އިން މީހުން އެއްކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވޭން ލިއުއްވާފައިވެ އެވެ.

މިމަހުގެ 21 ވަނަ ދުވަހު ޝާއިއުކުރި އެ ލިއުމުގައި ވޭން ވިދާޅުވެފައި ވަނީ އެ މަސައްކަތް ކާމިޔާބު ކަމަށެވެ. އަދި އެމެރިކާގެ 300 ވަރަކަށް މީހުން މިހާރު އައިއެސްއާ ގުޅުމަށް ގައުމު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ވޭން ވިދާޅުވެފައި ވަނީ އައިއެސްގެ އެ ކެމްޕޭނާ ދެކޮޅަށް އެމެރިކާ އިން ހިންގާ ކެމްޕޭންގެ ނެގެޓިވް ކަމުން އެ މަސައްކަތުގެ އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށެވެ.

"... ސްޓޭޓްގެ މެސެޖާއި އިސްލާމިކް ސްޓޭޓްގެ މެސެޖާ ދެމެދު މާބޮޑު ތަފާތެއް ނެތެވެ. މައުލޫތައް ވެސް އެއްގޮތެވެ. ދެ ފަރާތުން ވެސް ބުނަނީ ރެކްރޫޓުން ހަނގުރާމައިގައި މަރުނުވެ، ސަލާމަތް ވުމަކީ ދުރު ކަމެއް ކަމަށެވެ. އިސްލާމިކް ސްޓޭޓުން އެއީ ޝަހީދުވުމަށް މަގުފަހިވާ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކުރާއިރު، ސްޓޭޓުން އެކަން ސިފަކުރަނީ އެއީ ބިރުވެރި ޗޮއިސްއެއް ކަމަށެވެ. ދެބައި މީހުން ވެސް ހުޅަނގުގެ ދިރިއުމުގެ ވާހަކަ ދައްކާއިރު އިސްލާމިކް ސްޓޭޓުން ބުނަނީ އެއީ ރޫހާނީ ގޮތުން ހުސްކަމެއް އޮތް ދިރިއުޅުމެއް ކަމަށެވެ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ކުރާ ފިކުރީ މަސައްކަތާ ބެހޭ ގޮތުން ވޭން ލިއުއްވާފައިވެ އެވެ.

ލޭންޑިސްއާއި ވޭން ވެސް ފާހަގަ ކުރައްވާފައި ވަނީ އައިއެސްއާ ނުވަތަ އެނޫން ވެސް ޖަމާއަތަކާ ޒުވާނުން ގުޅުން ހުއްޓުވުމަކީ އެ ޖަމާއަތްތަކުގެ ނުބައި ވާހަކަ ދައްކައިގެން އަދި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާ އިން އެބަޔާކާ ދެކޮޅަށް ހަނގުރާމަ ކުރާ ބަޔަކާ ބެހޭ ގޮތުން އެ ބައެއްގެ ގޯސް ވާހަކަ ހަމަ އެމެރިކާގެ މީޑިއާ އިން ގެނެސްދޭ ގޮތަށް، ނަސޭހަތްދޭ މީހުން ދެއްކުމުން އެއީ ގަބޫލުކުރަން ދަތި ކަމަކަށް ވާނެ އެވެ. ޖިހާދަށް ދިއުން ހުއްޓުވަން މަސައްކަތް ކުރާ ކަމަށް ބުނުމަކީ ވެސް އެވާހަކަ އަޑު ނާހާނެ ސަބަބެކެވެ. އެހެނީ ޖިހާދަކީ އިސްލާމް ދީނުގައި ވާޖިބު ކަމެއް ކަން މުސްލިމަކު ވެސް ދަނެ އެވެ. ޢޭގެ ބަދަލުގައި ސޫރިޔާ އާއި އިރާގުގައި ހިނގާ ހަނގރާމައަކީ ޖިހާދަކަށް ނުވާ ނަމަ، އެ ނުވާ ސަބަބުތައް ތަފްސީލުކޮށް ބުނެދޭން ޖެހެ އެވެ. އަދި އެ ވަހާކަ ދައްކާ ވަރު ގިނަ ކުރަން ޖެހެ އެވެ.

ހަނގުރާމައަށް ދިއުން ހުއްޓުވަން ބޭނުން ނަމަ، އޮޅުން ފިލުވައިދޭން ޖެހޭ ގިނަ ކަންތައްތަކެއްވެ އެވެ. އެއީ ދީނީ އިލްމުވެރިންނަށް ނޫނީ އޮޅުން ފިލުވައި ނުދެވޭ ފަދަ ކަންތައްތަކެކެވެ. ޖިހާދާއި ޖިހާދަށް ނުވާ ހަނގުރާމައަކީ ކޮބައިކަން ސާފުކޮށް ކިޔައިދޭން ޖެހެ އެވެ. ޖިހާދަށް ދިއުން ހުއްޓުވަން އުޅޭ ކަމަށް ބުނަންޏާ އެކަމެއް ނުވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް