މިސްރު ސިފައިންގެ 33 މީހުން މަރާލުމުން ސައިނާގައި ކުއްލި ހާލަތު އިއުލާންކޮށްފި

ގާހިރާ (އޮކްޓޯބަރ 25) : މިސްރުގެ ސައިނާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ބަޔަކު ދިން ކާރުބޮމުގެ ޙަމަލާއެއްގައި މިސްރު ސިފައިންގެ 30 މީހުން މަރުވެ އިތުރު 26 މީހުން ޒަޚަމްވުމާ ގުޅިގެން ސައިނާގައި ކުއްލި ހާލަތު އިޢްލާން ކުރުމުގެ ރިޔާސީ އަމުރެއް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ނެރުއްވައިފި އެވެ.

ސީސީ ނެރުއްވި ބަޔާނުގައި ކުއްލި ޙާލަތު އިއްލާންކުރާ ސައިނާގެ ސަރަހައްދުތައް ފާހަގަކޮށް އެސަރަހައްދުގައި ތިން މަސް ދުވަސްވަންދެން ކުއްލި ހާލަތު ދެމިގެންދާނެކަން ހާމަކުރައްވާފައިވެ އެވެ. ސައިނާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތަކުން ކާރުބޮމުގެ ޙަމަލާއެއް ދީފައި ވަނީ އެ ސަރަހައްދުގެ އުތުރުގައިވާ އައްޝައިޚް ޒުވައިދު ނަމަކަށްކިޔާ ހިސާބެއްގައި ދަތުުރުކުރަމުން ދިޔަ މިސްރު ސިފައިންގެ ގާފިލާއަކަށް އަމާޒުކޮށްގެންނެވެ.

މިއަށް ފަހު ހަތިޔާރުއެޅި ފަރާތްތަކުން ވަނީ ސައިނާގެ އަލްޢަރީޝް ގައިވާ މިސްރު ސިފައިންގެ ޗެކްޕޮއިންޓަކަށް ވެސް ބަޑިން ހަމަލާދީ މިސްރު ސިފައިންގެ ތިންމީހުން މަރާލާފަ އެވެ. މިދެ ޙަމަލާއާ ގުޅިގެން މިސްރުގެ ދިފާޢީ ކަންތައްތަކާ ބެހޭ ގައުމީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައި މިފަދަ ޓެރަރިސްޓް ހަމަލާތަކާ ކުރިމަތިލާނެގޮތްތަކާ ބެހޭ ގޮތުން އެކައުންސިލުގެ މެންބަރުން ވަނީ މަޝްވަރާތަކެއް ކުރައްވާފަ އެވެ. މިދެ ޙަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ ދީފައި ވަނީ މީހަކު އަމިއްލައަށް މަރުވެގެންކަން ސާބިތުވާ ކަމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ.

މިސްރުގެ ސައިނާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރިންނަކީ އަންސާރު ބައިތުލްމަގްދިސްގެ ނަމަކަށް ކިޔާ ހަރުކަށި ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަމަށް ރިޕޯޓްތައް ބުނެ އެވެ. ގުދްސު މިނިވަން ކުރުމުގެ ޝިޢާރު އުފުލާ މިޖަމާއަތުން މިސްރު ސިފައިންނާ ހަނގުރާމަ ކުރަމުން ގެންދާއިރު މިޖަމާއަތުގެ އެއްވެސް ޙަމަލާއެއް ގުދްސު އަޅުވެތިކޮށް ގެންއުޅޭ އިސްރާއީލު ސިފައިންނަށް އަމާޒުކޮށްފައެއް ނުވެ އެވެ. އިއްޔެ ސައިނާގައި ދިން ދެ ޙަމަލާގެ ޒިންމާ ވެސް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު