ހިޖުރީ އާ އަހަރުގެ ތަހުނިޔާ ރައީސް ޔާމީން ފޮނުއްވައިފި

ހިޖުރީ އާ އަހަރެއް ފެށުމާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް މަތިވެރި އުފަލެއް ކަމަށެވެ. އަދި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް މިމުނާސަބަތުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައި ވަނީ، އިސްލާމީ ތާރީޚުގެ ވަރަށް ޢިބްރަތްތެރި ހާދިސާއެއް ކަމަށްވާ ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ އެވެ. ހިޖުރައިގެ އެ ހާދިސާއަކީ މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި ގާއިމްކުރެވިފައި އޮންނަން ޖެހޭ ލޯތްބާއި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން ހަނދާންކޮށްދޭ މުހިންމު ހާދިސާއެކެވެ. މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އަޚުވަންތަކަމުގެ ގާތް ގުޅުން ބަދަހިކުރުމަށް އިސްލާމްދީން ގޮވާލާފައިވާ މިންވަރު، ހިޖުރައިގެ ހާދިސާއިން ހަނދާނަށް ގެނުވަ އެވެ.

ހިޖުރީ އާ އަހަރަކާ ކުރިމަތިލާ އިރު އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަންކަމުން ޢިބްރަތް ޙާޞިލްކޮށް، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމަށް އެއްވެސް ބުރުލެއް އެރިޔަނުދީ އެއްބައިވަންތަ ބައެއްގެ ގޮތުގައި އަބަދު ވެސް ދެމިތިބުމުގެ ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އިސްލާމްދީނަކީ އެކުވެރިކަމަށާއި އިންސާނީ ކަރާމާތަށް ގޮވާލާ ދީނަކަށް ވުމާ އެކު، އެހެން މީހުންގެ ޙައްގުތަކަށް ރައްކާތެރިވެވަޑައިގެން، އެ ކަންކަމަށް އިޙްތިރާމް ކުރުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް މި މުނާސަބަތުގައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި އަޅުގަނޑުމެންގެ މެދުގައި މިއޮތް އުޚުއްވަތްތެރި ކަމުގެ ގުޅުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ޢަމަލެއް، އެއްވެސް ފަރާތަކުން ނުހިންގުމަށާއި ގައުމީ މަޞްލަޙަތަށް ވުރެ އަމިއްލަ މަޞްލަޙަތު ކުރިއަށް ނުނެރުއްވުމަށް އެދިވަޑައިގެންފައިވެ އެވެ. ހަމައެހެންމެ، ހިޖުރައިގެ މަތިވެރި ހާދިސާއިން ޢިބްރަތް ލިބިގަނެ، އިސްލާމީ އުޚުއްވަތްތެރި ކަމުގެ ރިވެތި ނަމޫނާ ދެއްކެވުމަށް ވެސް ގޮވާލައްވާފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު