ފެންފޯއްރުއްތައް ކަނޑާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފި

މަޖީދީމަގުގައި އިންދާފައި ހުރި ހުރިހާ ފެންފޯއްރުއްތައް ކަނޑާލި މީހުން ހޯދައި އަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފަސްނުޖެހުމަށް މާލޭ ސިޓީ ކައުންސިލުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ ބުދަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މޫނުނިވާކޮށްގެންތިބި ބަޔަކު މަޖީދީމަގުގައި އިންދާފައި ހުރި ހުރިހާ ފެންފޯއްރުއްތައް ކަނޑާލާފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ އަމަލު ހިންގި މީހުން އަދުލުއިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންނަށް ހައްގުވާ އަދަބު ދިނުމަށް ފަސްނުޖެހުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފެންފޯއްރުއްތައް ކަނޑާލުމަކީ ހަޑިހުތުރު ޣައިރުގާނޫނީ އަމަލެއް ކަމަށާއި އެއީ ޚާއްސަކޮށް މާލޭގެ ރައްޔިތުންނަށް ދެވުނު އަނިޔާއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ އަނިޔާއަކުން މާލޭގެ ރައްޔިތުން މާލެ ޒީނަތްތެރިކުރުމަށް ވެފައިވާ އަޒުމަށާއި މާލޭގައި އަމަންއަމާންކަން ގާއިމުކޮށްދިނުމަށް ގޮވާ ގޮވުމަށް ކުޑަވެސް ބަލިކަށިކަމެއް ނާންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެންފޯއްރުއްތައް ކަނޑާލި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް މިހާތަނަށް ފުލުހުން ބުނެފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު