ގެފުޅުގެ ތަޅުދަނޑިކޮޅުގެ އިސްވެރިޔާ އަވަހާރަވެއްޖެ

މާތްވެގެންވާ ގެފުޅުގެ ތަޅުދަނޑިކޮޅާ ހަވާލުވެވަޑައިގެން ހުންނަވާ އެންމެ އިސްވެރިޔާ ޝޭޙް އަބްދުލް ގާދިރް ބިން ތޯހާ އަލް ޝައިބީ އިއްޔެ ހެނދުނު ވަގުތެއްގައި އަވަހާރަ ވެއްޖެއެވެ.

ސައުދީ ގެޒެޓުގައި ބުނެފައިވާ ގޮތުން އުމުރުފުޅުން 75 އަހަރުގެ ޝޭޙް ގާދިރް އަވަހާރަވެފައިވަނީ ޖިއްދާގައި ހުންނަ ކިންގް ހާލިދް ހޮސްޕިޓަލްގަ އެވެ. އަދި އެމަނިކުފާނު ފަސްދާނު ލެވުނީ މައްކާގަ އެވެ.

ސައުދީ ގެޒެޓްގައި ބުނެފައިވާ ގޮތުން އެމަނިކުފާނުގެ ކަށު ނަމާދުގައި ސައުދީގެ ރަސްގެފާން ކިންގް ބިން ހާލިދު އާއި އަދި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އެމަނިކުފާނުގެ ކަށު ނަމާދު މާއްކާގެ ބޮޑެތި ހުރިހައި މިސްކިއްތަކެއްގައި ކުރިކަމަށް ސައުދީ ގެޒެޓުގައި ބުނެފައިވެއެވެ.

ޝެއިޚު އަލްގާދިރްގެ ކުރިން ގެފުޅުގެ ތަޅުދަނޑުކޮޅާއި ހަވާލުވެވަޑައިގެން ހުންނެވީ އެމަނިކުފާންގެ ބޮޑު ބޭބޭފުޅު އަބްދުލް އަޒީޒް އެވެ. އަދި ސައުދީގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ ވުޒާރާއިން ވަނީ ގެފުޅުގެ ތަޅާ ތަޅު ދަނޑި 30 އަހަރަށްފަހު އާ ކުރައްވާ ޝޭޙް ގާދިރްއާ ހަވާލު ކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ސައުދީ ގެޒެޓުގައި ބުނެފައިވާ ގޮތުން ދެން ގެފުޅުގެ ތަޅުދަނޑިކޮޅާއި ހަވާލުވެވަޑައިގެންނަވާނީ ޝައިބީ ދަރިކޮޅުގައި މިހާރު އުމުރުފުޅުން އެންމެ ދުވަސްވެފައި ހުންނެވި ޑރ. ސޮލާޙް ބިން ތޯހާ އަލް ޝައިބީ އެވެ.

މައްކާގައި ހުންނަ މާތްވެގެންވާ ގެފުޅު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ޝައިބީ ދަރިކޮޅާ އެވެ. އެގޮތުން ކީރިތި ރަސޫލާ މައްކާ ފަތަހަކުރެއްވުމަށްފަހު ގެފުޅު ތެރޭގައި ހުރި ބުދުތައް ތަޅުއްވާ ގެފުޅު ސާފުތާހިރު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ އެގެފުޅުގެ ތަޅު ދަނޑިކޮޅު ހަވާލުކުރެއްވީ އުސްމާން ބިން ތާހާއާ އެވެ.

ތަޅު ދަނޑިކޮޅު ހަވާލުކުރެއްވުމަށްފަހު އުސްމާން ބިން ތާހާއަށް ރަސޫލާ ހަދީޡް ކުރެއްވި ކަމަށް އިލްމުވެރިން ވިދާޅުވެފައިވަނީ، "ގިޔާމަތަށްދާންދެން އެ ތަޅު ދަނޑިކޮޅު [ގެފުޅުގެ ތަޅު ދަނޑި] އޮންނާނީ ތިބާގެ އަތުގަ،"އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު