ނައިފަރުގެ އިޖުތިމާއީ ކަންކަން ރަނގަޅު ކުރުމަށް ކޮމިޓީއެއް އުފައްދައިފި

ޅ. ނައިފަރު ކައުންސިލުން އިސްނަގައިގެން އެރަށުގެ އެކިއެކި އިޖުތިމާއީ ކަންކަން ރަނގަޅު ކުރުމަށް ރަށުގައި ހިމެނޭ އެކި މުއައްސަސާތައް ހިމަނައިގެން ކޮމިޓީއެއް އުފައްދައިފި އެވެ.

ނައިފަރު ކައުންސިލުން ބުނީ އެ ކޮމިޓީގައި ނައިފަރު ކައުންސިލާއި އެރަށުގައި ހުންނަ ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށެއް ކަމުގައިވާ ޅ. ފެލިވަރާއި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް ޅ. މަޑިވަރު ވެސް ހިމެނޭ ގޮތައް ކަމަށެވެ.

އެގޮތުން އެ ދެރަށުގެ އިތުރުން ނައިފަރުން އެ ކޮމިޓީގައި ހިމެނޭ މުއައްސަސާތަކުގެ ތެރޭގައި ޅ. އަތޮޅު ހޮސްޕިޓަލާއި، ނައިފަރު ޕޮލިސް ސްޓޭޝަނާއި ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ބީއެމްއެލް އާއި މަދަރުސަތުލްއިފްތިތާހު ފަދަ މުއައްސަސާތައް ހިމެނެ އެވެ.

ނައިފަރު ކައުންސިލުން ބުނީ އެ ކޮމިޓީ އުފެއްދުމުގެ މައިގަނޑު ބޭނުމަކީ މުއައްސަސާތަކުގެ ގުޅުން ބަދަހިކުރުމާއި އިޖުތިމާއީ ރޫހު އާލާކުރުމާއި ރަށުގެ އެއްބައިވަންތަކަން ގާއިމްކުރުމުގެ އިތުރުން މުއައްސަސާތަކުގެ ހިދުމަތާ މެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު އިތުރުކުރުން ކަމަށެވެ.

ނައިފަރު ކައުންސިލުން ބުނީ ކޮންމެ މަހަކު އެއްފަހަރު ސިލްސިލާކޮށް އެ ކޮމިޓީގެ ބައްދަލުވުންތައް ބާއްވައި ރަށުގެ ތަރައްގީއަށްޓަކައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު