ޝަހުމް އާއި ފަރިޔާޝް ފިލުވައިގެން ގެންގުޅުނު މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި

މާފުށި ޖަލުން ފިލައިގެން ނިކުތް ނުރައްކާތެރި ދެ ކުށްވެރިން ޖަލުން ފިލުމަށްފަހު ފިލުވައިގެން ގެންގުޅުނު މައްސަލާގައި ދެވަނަ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ދެ ކުށްވެރިން ފިލުވައިގެން ގެންގުޅުނު މައްސަލާގައި ދެ ވަނަ މީހާ ހައްޔަރު ޖޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ހައްޔަރު ކުރި މީހާގެ އުމުރަކީ 32 އަހަރު ކަމަށާއި އަދި މިއަދު ހައްޔަރު ކުރީ 20 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މަރުގެ އިންޒާރުދީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާފުށީ ޖަލުން ނުރައްކާތެރި ދެ ކުށްވެރިން ފިލާފައިވަނީ ދުރާލައި ރާވައިގެން ކަމަށާއި އެ ދެ ކުށްވެރިން ފިލާނީ ބޮޑެތި ޖަރީމާތަކެއް ހިންގަން ކަމަށް ގަބޫލު ކުރެވޭކަމަށް ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަން ކޮމާންޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ވިދާޅުވެފައެވެ.

ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޢަބްދުﷲ ސަތީޙް ވިދާޅުވީ ނުރައްކާތެރި ދެ ކުށްވެރިން ފިލުމަށް އެހީތެރިވެދީ އެ ދެ ގައިދީން ފިލުވައި ފޮރުވައިގެން ގެންގުޅުމުގައި އެއްވެސް ގޮތަކަށް ބައިވެރިވެ އެހީތެރިކަން ދީފައިވާ ފަރާތެއްވާނަމަ އެފަރާތްތަކުގެ ތަހުގީގު ކުރިއަށް ގެންދާނެކަމަށެވެ.

ނުރައްކާތެރި ދެ ކުށްވެރިން ފިލި މައްސަލަ އާއި ޖަލުން ފިލުމަށްފަހު އެ ދެ ކުށްވެރިން ފިލުވައިގެން ގެންގުޅުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު