ސައޫދީން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްކުރަނީ

ރިޔާޟް (އޮކްޓޯބަރ 24) : ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދާތީ ސައޫދީ އަރަބިޔާއިން އެކްސްޕޯޓްކުރާ ތެލުގެ މިންވަރު ދަށްކުރަމުން ގެންދާ ކަމަށް އެގައުުމުން ހާމަކޮށްފި އެވެ.

ސައޫދީ އަރަބިޔާގެ ތެލުގެ ސިނާއަތާބެހޭ ދާއިރާތަކާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ސައޫދީން ބޭރުކުރި ތެލުގެ މިންވަރު ދުވާލަކު ނުވަ މިލިޔަން ހަލައްކަ ފީފާއިން ނުވަމިލިޔަން ތިންލައްކަ ފީފާއަށް ވަނީ ދަށްކޮށްފަ އެވެ. އަދި މި އޮކްޓޯބަރު މަހުވެސް ސައޫދީން ބޭރުކުރާ ތެލުގެ މިންވަރު ދަށްކުރާނެ ކަމަށާއި މިކަމުގެ ބޭނުމަކީ ފީފާއަކަށް 85 ޑޮލަރަށްވުރެ ދަށަށް ތެލުގެ އަގު ދިޔުން ހުއްޓުވުންކަމަށް ވެސް ރޮއިޓާސް ބުނެ އެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ފާއިތުވި ދޮޅުމަސް ދުވަހުގެ ތެރޭގައި ވަނީ 100 ޑޮލަރުން 85 ޑޮލަރަށް ދަށަށް ގޮސްފަ އެވެ. މިކަމުގެ ސަބަބުން ތެޔޮ އިންޕޯޓްކުރާ ގައުމުތަކުގެ އިގްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ބެލެވިފައި ވީނަމަވެސް އާމްދަނީ ހޯދުމަށް ތެލަށް ބަރޯސާކުރާ ގައުމުތަކުން ވަނީ މިކަމާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު