ނައިޖީރިޔާގައި އަނެއްކާ ވެސް 25 އަންހެން ކުދިން ވަގަށް ނަގައިފި

އަބޫޖާ (އޮކްޓޯބަރ 24) : ނައިޖީރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޫކޫ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ޝައްކު ކުރެވޭބަޔަކު އެގައުމުގެ އިރު އުތުރުގެ ވިލެޖަކުން އަނެއްކާ ވެސް އަންހެން ކުދިންތަކެއް ވަގަށް ނަގައިފި އެވެ.

ތުރުކީގެ އަނަތޯލިޔާ ނޫސްއެޖެންސީ ޚަބަރުދޭގޮތުގައި ނައިޖީރިޔާގެ އިރު އުތުރުގެ ސްޓޭޓެއް ކަމަށްވާ އަދާމާވާ ސްޓޭޓްގެ ރަށްފުށުގެ ވިލެޖަކަށް ހަތިޔާރުއެޅި ބަޔަކު އިއްޔެގެ ވަގުތެއްގައި އަރައި ފުރާވަރުގެ އުމުރުގެ 25 އަންހެންކުދިން ވަނީ ވަގަށްނަގައިގެން ގެންގޮސްފަ އެވެ. ހަތިޔާރުއެޅި ފަރާތްތަކުން އެކުދިންނާ އެކު އެކުދިންގެ އާއިލާތަކަށް ނިސްބަތްވާ އުމުރުން ދުވަސްވީ އަންހެނުންތަކެއް ވެސް ވަގަށްނެގި ކަމަށާ ނަމަވެސް އުމުރުން ދުވަސްވީ އަންހެނުންތައް ފަހުން ދޫކޮށްލާފައިވާ ކަމަށް މަންޒަރުދުށް މީހުން ބުނެ އެވެ. އިއްޔެ ވަގަށް ނެގި އަންހެން ކުދިންތައް ގެންދިޔަ ތަނެއް އެނގިފައިނުވާ ކަމަށާއި މިކަން ބަލަމުން ގެންދާ ކަމަށް ނައިޖީރިޔާގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެ އެވެ.

މި އަހަރުގެ ކުރީކޮޅު ބޫކޫ ހަރާމް ޖަމާއަތުން ވަގަށް ނެގި ނައިޖީރިޔާގެ 200 އެއްހާ އަންހެންކުދިން އަދިވެސް ވަނީ އެމީހުންގެ އަޅުވެތިކަމުގެ ދަށުގަ އެވެ. ނަމަވެސް އެކުދިން މިނިވަން ކުރުމަށް ނައިޖީރިޔާ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އެޖަމާއަތާ ވާހަކަ ދެއްކުމުން އެކުދިން މިނިވަން ކުރުމަށް އެ ޖަމާއަތުން އެއްބަސްވެފައިވާ ކަމަށާއި އެކުދިން ވަރަށް އަވަހަށް މިނިވަން ކުރެވޭނެކަމަށް އުންމީދު ކުރެވޭކަމަށް ނައިޖީރިޔާ ސަރުކާރުން ދާދިފަހުން ބުނެފައިވެ އެވެ. މީގެ އިތުރުން ބޫކޫ ހަރާމް ޖަމާއަތުން ނައިޖީރިޔާ ގެ އެކިކަންކޮޅުތަކުގައި ހިންގާ ހަނގުރާމައިގެ އަމަލުތައް ހުއްޓާލުމަށް އެޖަމާއަތުން އެއްބަސްވެފައިވާ ކަމަށް ވެސް ނައިޖީރިޔާ ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ބޫކޫ ހަރާމުން މިކަމާމެދު އެއްޗެއް ބުނެފައެއް ނުވެ އެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު