އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ކޮމެޓީއަށް ފަނޑިޔާރު ޝުޖޫން އަނެއްކާވެސް އިންތިހާބުކޮށްފި

އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީއަށް ސިވިލް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަނެއްކާ ވެސް އިންތިހާބުކޮށްފި އެވެ.

ޖެނީވާގައި މިއަދު ބޭއްވި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ (އޮޕްކެޓް)ގެ ފަސްވަނަ ބައްދަލުވުމުގައި ވޯޓުދިން 70 މެމަބަރު ގައުމުތަކުގެ ތެރެއިން 63 ގައުމަކުން ވަނީ "ސަބް ކޮމެޓީ އޮން ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ)"ގެ ދެވަނަ ދައުރަކަށް ޝުޖޫން އިންތިހާބުކުރުމަށް ވޯޓް ދީފައި ކަމަށް ހާރިޖީ ވުޒާރާގެ ވެބްސައިޓްގައި މިއަދު ބުނެފައިވެ އެވެ.

އެސްޕީޓީގެ ދެވަނަ ދައުރު، ފަނޑިޔާރު ޝުޖޫން ފައްޓަވާނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެ ގޮނޑިއަށް ފަނޑިޔާރު ޝުޖޫން ފުރަތަމަ އިންތިހާބުވީ 2010 ވަނަ އަހަރު އެވެ.

އެސްޓީޕީގެ މެމްބަރު ކަމަށް ދެވަނަ ފަހަރަށް އިންތިހާބުވުމުން ޝުޖޫނަށް މަރުހަބާ ވިދާޅުވެ، ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، އެސްޕީޓީގައި ކޮށްދެއްވާފައިވާ މަސައްކަތުގެ ސަބަބުން، އަނިޔާވެރި ކަމާއި އިންސާފު ގާއިމުކުރުމަށް މިނިވަންކަމާއި އިންސާފުވެރި ކަމާއެކު ފުޅާ ދާއިރާއެއްގައި ގައުމީ ފެންވަރުގައާއި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކުރައްވާފައިވާ މަސައްކަތްފުޅުތައް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖެއަށް ލިބުނު މި ކާމިޔާބީ އިން ދައްކައިދެނީ، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާއި ހާއްސަކޮށް އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގެންފައިވާ މިންވަރު ކަމަށް ވެސް ހާރިޖީ ވަޒީރު ދުންޔާ ވިދާޅުވި އެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މި ފަހަކަށް އައިސް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަދުވަހު ވަނީ އެންޓި ޓޯޗާ ގާނޫނަށް އަމަލުކުރަން ފަށައިފައެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ހޭލުންތެރި ކުރުވުމުގައި އިސް ދައުރެއް އަދާކުރެއްވި އާއިޝަތު ޝުޖޫނަކީ މޯލްޑިވްސް ޑިޓެއިނީ ނެޓްވޯކްގެ ފައުންޑާ މެންބަރެކެވެ.

އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ އެކުލަވާލާފައި ވަނީ، އޮޕްކެޓްގެ މެންބަރު ގައުމުތަކުގެ ތެރެއިން ހޮވާލެވޭ ވަކިފަރާތަކަށް ނުޖެހޭ މިނިވަން 25 ތަޖުރިބާކާރުންގެ މައްޗަށެވެ. ރާއްޖެއިން އޮޕްކެޓްގައި ބައިވެރިވެފައި ވަނީ 15 ފެބްރުއަރީ 2006 ވަނަ އަހަރު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު