ލ. އަތޮޅު ފުޓުބޯޅަ މުބާރާތް ފަށައިފި

އަތޮޅުތަކަށް ޚާއްސަކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ އަތޮޅު ތަކުގެ ފުޓުބޯޅަ މުބާރާތް 2014ގެ ލ. އަތޮޅު މުބާރާތް އިއްޔެ ފަށައިފި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް 'އޭ'ގެ މެޗުތައް ކުރިއަށްދާނީ މާބައިދޫގައެވެ. އަދި ގްރޫޕު 'ބީ'ގެ މެޗުތައް މާދަމާ ފެށުމަށް ހަމަޖެހިފައި ވާއިރު މި ގްރޫޕްގެ މެޗުތައް ކުޅޭނީ އެ އަތޮޅުގެ ކުނަހަންދޫގައެވެ.

ގްރޫޕު އޭ ގައި ހިމެނެނީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އާއި އިސްދޫ އަމާޒު ޖަމިއްޔާ އާއި މާބައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ގަން ތުނޑި ސޮސައިޓީ ފޮ ތުނޑި އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަން ކްލަބެވެ.

ގްރޫޕް ބީ ގައި ހިމެނެނީ މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އާއި ފޮނަދޫ ޒުވާނުންގެ ޖަމިއްޔާ އާއި މާމެންދޫ ޔުނައިޓެޑް އަދި މާވަށު ޒުވާނުންގެ ގުޅުމެވެ.

މުބާރާތުގެ އެންމެ ފުރަތަމަ ކުޅުން މެޗުގައި އިއްޔެ ބައްދަލު ކޮށްފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި އިސްދޫގެ އަމާޒު ޖަމިއްޔާ އެވެ. މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ އިސްދޫ ޓީމުގެ އަހުމަދު ޝުޖާއު އެވެ.

މުބާރާތު ގްރޫޕް އޭގައި މިއަދު ކުޅުނު މެޗުގައި މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއާއި ބައްދަލު ކޮށް 2-1 މޮޅުވީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމުގެ ޖާޒީ ނަމްބަރު 14 މުހައްމަދު އިބްރާހިމް އެެވެ.

މި ގްރޫޕްގައި މާދަމާ ކުޅޭ މެޗުގައި ނުކުންނާނީ ސޮސައިޓީ ފޮ ތުނޑި އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަން ކްލަބާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ.

ކުނަހަންދޫގައި މާދަމާ ފަށާ ލ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، މާވަށު ޒުވާނުންގެ ޖަމިއްޔާއާއި ފޮނަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު