އައްޑުއާއި މާލޭގައި ސްވިމިންގް ޕްލެޓްފޯމެއް އަޅަނީ

އައްޑޫ ސިޓީ އާއި މާލެ ސިޓީގައި ސްވިމިންގް ޕްލެޓްފޯމް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ހަވާލު ކޮށްފި އެވެ.

ޕްލެޓްފޯމު އެޅުމުގެ މަސައްކަތް ސްވިމިންގް އެސޯސިއޭޝަނާ ރަސްމީކޮށް ހަވާލުކޮށް ދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ. ސްވިމިންގް އެސޯސިއޭޝަންގެ ފަރާތުން އެ މަސައްކަތާ ހަވާލުވެލެއްވީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރެވެ.

މިހާރު ޓްރެކަށް ދިމާވެފައިވާ މައްސަލައާ މެދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ މަސަކަތް ކުރެވެމުންދާ ކަމަށެވެ.

"ފަތާ ޓްރެކް ސަރަހައްދަށް ނަޖިސް ބޭރުވާ މައްސަލައިގައި ކަމާ ބެހޭ މުއައްސަސާތަކާ އެކު ވާނީ ބައްދަލުކޮށްފައި. ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ދަނީ އެ މަސައްކަތް ކުރަމުން. ސްޓެލްކޯ އިން ވަނީ ފަތާ ޓްރެކް ސަރަހައްދުގެ ހުރަސް ތޮށި ހެދުން ފަދަ މަސައްކަތްތަކުގައި ފައިނޭންޝަލް އެހީވާނެ ކަމަށް ވިދާޅުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްލެޓްފޯމް އެޅުމަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެކަމަށްދާ ހަރަދު މިހާރުވާނީ، ސްވިމިންގް އެސޯސިއޭޝަނާ ހަވާލު ކުރެވިފައިކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެކުއަޓިކް ސެންޓަރުތަކެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ ސެންޓަރުތައް ގާއިމު ކުރާނެ ތަންތައް މިހާރު ކަނޑައަޅާފައިވާ ކަމަށްވެސް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

"އެކުއަޓިކް ސެންޓަރުގައި ކޮމްޕެޓިޝަން ޕޫލަކާއި ވޯމް އަޕް ޕޫލެއް ވެސް ހުންނާނެ. އެއީ ގާތްގަނޑަކަށް 6 ނޫނީ 10 މިލިއަން ޑޮލަރު. ހުޅުމާލެއިން ވެސް ވަނީ އެކުއަޓިކް ސެންޓަރެއް ގާއިމް ކުރާނެ ސަރަހައްދެއް ނިންމާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު