ޝަހުމް އާއި ފަރިޔާޝް ފިލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

މާފުށީ ޖަލުން ފިލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފައިވާ ނުރައްކާތެރި ދެ ކުށްވެރީން ކަމަށްވާ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު، ފިލުވުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޝަހުމްއާއި ފަރިޔާޝް ހައްޔަރުކުރުމަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ، އެ ދެ ކުށްވެރީން ފިލުމުގައާއި ފިލައިގެން އުޅުނު އިރު އެމީހުންނަށް އެހީތެރިވި މީހުންގެ ތަހުގީގެއް މިހާރު ފުލުހުން ކުރިއަށް ގެންދާ ކަމަށާއި އެގޮތުން އެފަދަ އެކަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އެމީހުން ފިލުމުގައާއި ފިލި ފަހުން އެމީހުންނަށް އެހީތެރިވި ފަރާތްތަކުގެ ތަހުގީގު ކުރަމުން މިހާރު ދަނީ. އެގޮތުން 32 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ކުރެވެމުން މިހާރު ދަނީ،" ޝަތީހު ވިދާޅުވި އެވެ.

ޖަލުގެ ދަގަނޑު ތޭރިތަކެއް ކީހާލައިގެން ގޮޅިން ނުކުމެ ފިލާފައިވާ ނުރައްކާތެރި ދެ ކުށްވެރީން ފިލާފައިވާ ކަން މިމަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެނގުނު ނަމަވެސް ފުލުހުން މިހާތަނަށް ހޯދިހޯދުންތަކުން އެނގިފައިވާ ގޮތުގައި އެ ދެ ގައިދީން ފިލާފައި ވަނީ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ރޭ އިރުއޮއްސި 7:30 އެހާކަންހާއިރު ފުލުހުން ވަނީ ޝަހުމް ހައްޔަރުކޮށްފަ އެވެ. އަދި ޝަހުމްއާ އެކު ޖަލުން ފިލި ފަރިޔާޝް ހައްޔަރުކުރީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހެންވޭރު ޝަހީދު އަލީ މިސްކިތް ކައިރީގައި ހުންނަ ޓައިޓިއާނާސް ކެފޭގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.
ފަރިޔާޝް ހައްޔަރުކުރި އިރު ހުރިގޮތް (ކ) އަދި ހައްޔަރުކުރުމަށް ފަހު އޭނާގެ ބޮލުގައި އަޅާފައިވާ ވިގު ނަގާފައި (ވ) -- ފޮޓޯ: ޕޮލިސް

ފަރިޔާޝް ހައްޔަރު ކުރިއިރު، ސިފަ ބަދަލުކުރުމަށްޓަކައި ތުނބުޅިއާއި މަތިމަސް ބާލައި، ބޮލުގައި ވިގެއް އަޅައިގެން ހުރިއިރު، އޭނާ ހުރީ އެހެން މީހެއްގެ އައިޑެންޓިޓީ ނަގައި އެހެން މީހެއްކަމަށް ދެއްކުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ޝަހުމް ހައްޔަރު ކުރިއިރު މާބޮޑަށް ސިފަ ބަދަލުކޮށްފައި ނެތް ނަމަވެސް އޭނާ ވެސް ހުރީ ތުނިކޮށް ބޯކޮށައި ލައިގެން ހުރި ހެދުން ބަދަލުކޮށްފައި ކަމަށްވެސް ފުލުުހުން ބުންޏެވެ.

ޝަހުމް އާއި ފަރިޔާޝް ފިލި މައްސަލަ ތަހުގީގު ކުރަމުންދާ އިރު ފުލުހުން ބުނީ، އެ ދެ ގައިދީން ފިލުމުގައި އެހީތެރިވި ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނޭ ކަމުގަ އެވެ.

މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ފަރިޔާޝް އަހުމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު