ޝަހުމް އާއި ފަރިޔާޝް ފިލާފައިވާކަން އެނގުނީ 24 ގަޑިއިރު ފަހުން: ފުލުހުން

މިމަހު 17 ވަނަ ދުވަހުގެ ރޭ ކ. މާފުށީ ޖަލުން ފިލާފައިވާކަން އާންމުކުރި ނުރައްކާތެރި ދެ ކުށްވެރީން ކަމަށްވާ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު، ފިލާފައިވާކަން އެނގިފައި ވަނީ އެ ދެ ކުށްވެރީން ފިލިތާ 24 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުނެފި އެވެ.

ޝަހުމްއާއި ފަރިޔާޝް ހައްޔަރުކުރުމަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް ސުޕްރިންޓެންޑެންޓް އިސްމާއީލް ނަވީން ވިދާޅުވީ، އެ ދެ ކުށްވެރީން ފިލާފައި ވަނީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އެ މީހުން ފިލައިގެން ގޮސްފައިވާ ކަން އެނގިފައި ވަނީ އޭގެ 24 ގަޑިއިރު ފަހުން ކަމަށެވެ.

"މިއީ ކުއްލިއަކަށް ފިލި ފިލުމެއް ނޫން، މިއީ ދުރާލާ ރޭވިގެން ހިންގާގައިވާ ކަމެއް" ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ، ދެ ގޮޅިއެއްގައި ތިބި އެދެ ގައިދީން ފިލީ މާފުށީ ޖަލުގެ ޔުނިޓް 9، ވިންގު 3ގެ 14 ނަންބަރު ގޮޅީގެ ފާހާނާގެ ފެންލައިޓެއްގެ ދަގަނޑު ތޭރިތައް ކީހާލައިގެން ކަމަށެވެ. އަދި އެމީހުން ފިލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، އެމީހުން ހިނގައިދާނޭ ކަމަށް ބެލެވޭ ތަންތަނާއި ކައިރި ހިސާބުގެ ރަށްރަށް ބަލައި ފާސްކުރަން ފެށި ކަމަށާއި އަދި އެ ވަގުތުން ފެށިގެން މާފުށިން ފުރާ އުޅަނދުތައް ޗެކް ކުރުމުގެ މަސައްކަތް ވެސް ފެށި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ދެ ކުއްވެރިން ފިލިކަން އެނގުނު ހިސާބުން މާލެ ކައިރި ބައެއް ރަށްރަށުގެ އިތުރުން ރިސޯޓްތަކާއި މާލެ އާއި މާލޭގައި ދުއްވާ ގިނަ އަދަދެއްގެ އުޅަނދުތަކާއި މީހުން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ބައެއް ރަށްރަށުގެ ގޯތިގެދޮރު ބަލައި ފާސްކޮށްފައި ވާއިރު، އެކަން ކުރުމުގައި ކޯޓް އަމުރު ހޯދާފައިވާ ކަމަށާއި އަދި އާންމުންގެ ފަރާތުން ފުލުހުންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ސަން އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ނަވީން ވިދާޅުވީ އެ ދެމީހުން ޖަލުން ފިލައިގެން އައިސް ކުށެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އެމީހުން ފޮރުވުމަށް މަސައްކަތް ކޮށްފައިވާ މީހުންގެ މައްސަލަ ބަލައި އެމީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި ހަމައެހެންމެ އެ ދެ ގައިދީން ޖަލުން ފިލި ސަބަބާއި ޖަލުގެ ސަލާމަތީ ކަންކަން ހުރި ގޮތް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު