މިއަހަރުގެ ތެރޭގައި ކުއްލިއްޔާ ޔުނިވާސިޓީއަކަށް ހެދުމުގެ ބިލް މަޖިލީހަށް ހުށަހަޅާނަން: ބަންޑާރަ ނައިބު

ކޮލެޖެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ، ޔުނިވާސިޓީ އަކަށް ބަދަލުކުރުމަށް ތައްޔާރުކުރި ބިލް، މިއަހަރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ސޯޝަލް ކައުންސިލުގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭޖީ ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީ އުފެއްދުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ތެރޭގައި، އެއީ ޑިސެމްބަރު މަހުގެ ކުރިން އިސްލާމީ ޔުނިވާސިޓީ އުފެއްދުމުގެ ބިލާއި އަދި ޕަބްލިކް އަދި ޕްރައިވެޓް ޔުނިވާސިޓީތަކުގެ އިތުރު ބިލެއް މިދައުރުގެ ތެރޭގައި ހުށަހަޅާނަން،" އޭޖީ ވިދާޅުވި އެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ހެދުމަށް ކުރިން ނިންމާފައި އޮތީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. ނަމަވެސް ސަރުކާރުންވަނީ އެފަދަ މުހިއްމު މުއައްސަސާއެއް އުފެދިގެންދާ އިރު، ގާނޫނީ ބާރުވެރިކަމެއް އޮންނަން ޖެހޭތީ އާއި ގާނޫނީ ތަރަހައެއްގެ ތެރެއިން އެކަން ކުރުމަކީ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ކުރެއްވޭތީ، އެކަމަށް ބިލެއް ހެދުމަށް ކުއްލިއްޔާ ޔުނިވާސިޓީއަކަށް ހެދުމަށްޓަކައި އެކުލަވާލި ކޮމެޓީއަށް ފޮނުވާފަ އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތް، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެކުލަވާލި ކޮމެޓީގެ ޗެއާމަން އަދި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ވެގެން ދިއުމަކީ ރާއްޖެއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަން ވެގެންދާނީ އިސްލާމީ ޝަހްޝިއްޔަތު ހަރުދަނާކުރުމަށް އެޅިގެންދާނެ ބޮޑު ފިޔަވަޅެއް ކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުއްލިއްޔާ ބައިނަލްއަގްވާމީ ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނީ ތިން ފިޔަވަށްސަކަށް ބަހާލައިގެންނެވެ. އެ ތިން ފިޔަވައްސަށް ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެކުލަވާލި ކޮމެޓީން ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު