ނޮކިއާގެ ފޯނުގެ ނަން "ލޫމިޔާ" އަށް ބަދަލުކުރަނީ

މަޝްހޫރު ފޯނު ބެރޭންޑް ނޮކިއާގެ ނަން މައިކްރޯސޮފްޓް ލޫމިޔާ އަށް ބަދަލު ކުރާނެ ކަމަށް މައިކްރޯސޮފްޓްއިން ބުނެފިއެވެ.

މައިކްރޯސޮފްޓް އިން ފޭސްބުކްގައި ކުރި ޕޯސްޓްގައި ބުނެފައި ވަނީ ނޮކިޔާ ރީބްރޭންޑް ކުރަން ފަށާނީ ފްރާންސްގައި ކަމަށާއި އެއާ ގުޅިގެން ކުންފުނީގެ ރީޖަނަލް ސޯޝަލް ނެޓްވޯކް އެކައުންޓްތަކުގެ ނަންތައް ވެސް ނޮކިއާ އިން މައިކްރޯސޮފްޓް ލޫމިއާ އަށް ބަދަލުވެގެންދާނެ ކަމަށެވެ.

ނޮކިއާ ފްރާންސްގެ ޓްވިޓާ އެކައުންޓުގައި ވެސް ވަނީ މިވާހަކަތައް ޕޯސްޓްކޮށްފަ އެވެ. ސޯޝަލް މީޑިއާ ގައި ފެތުރިފައިވާ ވާހަކަތަކާ ގުޅޭގޮތުން އޮންލައިން ނޫސް "ދަ ވާރޖް" އަށް މައިކްރޯސޮފްޓް އިން ދިން އިންޓަވިއުގައި އެވާހަކަތައް ކަށަވަރު ކޮށްދީ އަދި އެހެން ގައުމުތަކުގައި ވެސް ރީބްރޭންޑް ކުރުން ވަރަށް އަވަހަށް ފަށާނެ ވާހަކަ ބުނެފައިވެ އެވެ.

މައިކްރޯސޮފްޓް އިން ވަނީ ވަރަށް ފަހުން ނޮކިއާގެ އެޕްސްތައް ލޫމިޔާއަށް ބަދަލު ކޮށްފައެވެ. އަދި މައިކްރޯސޮފްޓް ޑިވައިސް ތަކަށް އާ ސައިޓެއް ތައާރަފްކޮށް "ނޮކިއާ ޑޮޓް ކޮމް" ވެބްސައިޓަށް ވަންނަ ހުރިހާ ފަރާތެއް ސީދާ މައިކްރޯސޮފްޓް ޑިވައިސް ސައިޓަށް ރީޑައިރެކްޓް ވާގޮތް ހަދާފައެވެ.

މައިކްރޯސޮފްޓް އިން އިތުރަށް ބުނީ މި ބަދަލަކީ ހަމައެކަނި ނޮކިއާ ފޯނުގެ ބްރޭންޑް ބަދަލު ކުރުން ކަމަށެވެ. ނޮކިއާ ކުންފުނި އަދިވެސް ވަކިން ހިނގާނެ ކަމަށާއި ނަމަވެސް އެއީ ފޯނު ވިޔަފާރިއާ ނުލައިކަމަށެވެ. ނޮކިއާ ކުންފުނި ދެން ބޮޑަށް ފޯކަސް ކުރާނީ މެޕިން އަދި ނެޓްވޯކް އިންފްރާސްޓްރަކްޗާ ގެ މަސައްކަތްތަކަށް ކަމަށް ވެސް މައިކްރޯސޮފްޓް އިން ބުނެފައިވެ އެވެ.

މައިކްރޯސޮފްޓް އިން ވަނީ 7.2 ބިލިޔަން ޑޮލަރަށް ނޮކިއާ ކުންފުނީގެ "ހޭންޑް ސެޓް" ޑިވިޝަން ގަނެފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެކުންފުނިން ވަނީ ލޫމިޔާ 730 އާއި ލޫމިޔާ 830 ފޯނު ނޮކިއާ ގެ ނަމާ އެކު ރިލީސްކޮށްފަ އެވެ. މި ދެ ފޯނު ވެގެން ދާނީ ނޮކިއާ ބްރޭންޑް ނަމުގައި ނެރުނު އެންމެ ފަހު ދެ ފޯނަށެވެ.

ގިނަ މީހުން ދެކޭ ގޮތުގައި މައިކްރޯސޮފްޓްގެ ފޯނުތައް ދެން ނުކުންނާނި އެމީހުންގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމް "ވިންޑޯސް ފޯން" ގެ ގޮތަގަ އެވެ. ވިންޑޯސް 10 ތައާރަފް ކުރި ހަފުލާގައި މައިކްރޯސޮފްޓް އިން ވަނީ އެމީހުންގެ ހުރިހާ ޕްރޮޑަކްޓްސް ތަކެއް ވެސް ވިންޑޯސް ގެ އެއް ޕްރޮޑަކްޓެއްގެ ދަށަށް ގެންނާނެ ވާހަކަ ބުނެފައެވެ.

ނޮކިއާ އިން މައިކްރޯސަޮފްޓް އާއެކު ވެފައިވާ އެއްބަސަވުމުގެ ދަށުން ވާގޮތުން 2015 ވަނަ އަހަރު ނިމެންދެން އިތުރު އެއްވެސް ސްމާޓްފޯނެއް ނުއުފައްދާނެ އެވެ. އަދި ނޮކިއާ ބްރޭންޑް ބޭނުން ކޮށްގެން ވެސް ފޯނެއް ނުއުފައްދާނެ އެވެ.

މައިކްރޯސޮފްޓް އިން ރީބްރޭންޑް ކޮށްގެން ނެރޭ ފޯނުތަކުގައި ބްރޭންޑް ލޯގޯ ލިޔާނެ ގޮތް އަދިވަނީ ސިއްރެއްގެ ގޮތުގަ އެވެ. ނޮކިއާ ފޯނު ތަކުގައި ފޯނުގެ ކުރިމަތީގަ އާއި ފަހަތުގައި ވެސް ނަން ލިޔެފައި އޮވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު