މާރާމާރީ ހިންގާ މީހުންނަށް ލިބިދޭ ހަނުހުރުމުގެ ހައްގު ހަނިކުރަން، ގާނޫނަށް އިސްލާހު ހުށަހަޅައިފި

މާރާމާރީ ހިންގާ މީހުންނަށް ލިބިދޭ ހަނުހުރުމުގެ ހައްގު ހަނިކުރުމަށް ބިރުދެއްކުމާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ސޯޝަލް ކައުންސިލުގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އަނިލް ވިދާޅުވީ މާރާމާރީ ހިންގާ މީހުންނަށް ހަނުހުރުމުގެ ހައްގު ހަނިކުރުމުގެ އިތުރުން ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ހަނިިކުރުމަށް ވެސް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

"މާރާމާރީ ހިންގާ މީހުންނާ ގުޅޭގޮތުން ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތައް، ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އަށް ހަވާލާދިނުމަށް ފަހު ބައެއް ހައްގުތައް ވާނީ ހަނިކޮށްފައި. އޭގެ ތެރޭގައި ހަނުހުރުމުގެ ހައްގު..،" އޭޖީ ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކުރާ އަނިޔާ ކަމަށް އެ ގާނޫނުގައި މިހާރު ހިމަނާފައިވާތީ އެނޫންގޮތްގޮތަށް ވެސް މީހުންގެ ހަށިގަނޑަށް ގެއްލުންދިނުމަކީ އެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައެޅުމަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

"...ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމާއި ތޫނު ހަތިޔާރު ބޭނުންކޮގެން މާރާމާރީ އެއްގައި މީހަކު މަރުވުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހެއްގެ ގުނަވަން ނެތިގެން ގޮސްފި ނަމަ އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ކުށް ކަނޑައަޅާ އެ ކުށަށް އަދަބު ކަނޑައަޅާފައިވާނެ،" އޭޖީ ވިދާޅުވި އެވެ.

އެ ކުށްތަކުގެ އަދަބުތަކެއްގެ މިންގަނޑެއްގެ ގޮތުގައި ހަތް އަހަރާއި މަރުގެ އަދަބާ ދެމެދުގެ އަދަބުތަކެއް ކަނޑައެޅިފައިވާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

މީގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމަށް ހާއްސަ ކޮށްގެން ބިލުތަކެއް މިހާރު އެކުލަވާލައި ބައެއް ބިލްތައް މި މަހުގެ ތެރޭގައި ހުށަހަޅާނެކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ، އޭގެ ތެރޭގައި ޖިނާއީ ކަންތައްތަކުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވެދިނުމުގެ ބިލެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު