ރީކޯ މޫސަ އަށް ހަމަލާދިން މައްސަލައިގެ ތަހުގީގުގެ ސައްޚަކަމާ މެދު ސުވާލުއުފައްދައިފި

ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީގެ އޭރުގެ ޗެއާޕާސަން ރީކޯ މޫސާ މަނިކަށް ހަމަލާދިން މައްސަލައިގެ ތަހުގީގުގެ ސައްޚަކަމާ މެދު އެކަމުގައި ތުހުމަތު ކުރެވޭ ފުލުސްމީހާ ސުވާލު އުފައްދައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގދ. ތިނަދޫ ރޯޒީވިލާއިރު މުހައްމަދު ވަހީދު ބުނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އޭނާ ގެންދިޔައީ މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ ކަމަށެވެ. އަދި މުހައްމަދު ވަހީދުގެ ވަކީލު މުހައްމަދު ޝާހު ވިދާޅުވީ އޭނާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ގެންދިޔުމުގެ ކުރިން އެތަނަށް ގެންދިޔައީ ކުށެއްގެ ތުހުމަތުގައި ކަމެއް އަންގާފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މުހައްމަދު ވަހީދާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ސުވާލުކޮށްފައި ވަނީ ކުށެއްގެ ތުހުމަތުގައިކަން އޭނާ ތަހުގީގަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގޭ ކަމަށެވެ.

ވަކީލު ވިދާޅުވީ އެ ކޮމިޝަންގެ ތަހުގީގުގައި އޭނާ އަށް ދެއްކި ދަގަނޑު ކެނިސްޓަރެއް ނަގައިގެން އުޅޭތަން ފެންނަ ވީޑިއޯގައިވާ މީހަކީ މުހައްމަދު ވަހީދު ކަމަށް އޭނާ ސޮއިކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެ ކޮމިޝަނުން ދެއްކި ރީކޯ މޫސަ އަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ފޮޓޯ އިން ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށް ތަހުގީގު ބަޔާނުގައި މުހައްމަދު ވަހީދު ކިޔައިދީފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ މުހައްމަދު ވަހީދުއާ ދެކޮޅަށް އުފުލާފައި ވަނީ އޭނާ ގެންގުޅުނު ދަގަނޑު ކެނިސްޓަރުން ރީކޯ މޫސާގެ ބޮލުގައި ޖަހައި ބޯ ފަޅާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ގާޒީ މުހުތާޒު ފަހުމީ ކުރެއްވި ސުވާލުގެ ޖަވާބުގައި މުހައްމަދު ވަހީދު ބުނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އޭނާ ހާޒިރުވާން ޗިޓު ފޮނުވާފައި ވަނީ ފުލުސް އޮފީހަށް ކަމަށެވެ. އަދި އެ ޗިޓު އޮންނާނީ ފުލުސް އޮފީހުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މުހައްމަދު ވަހީދަށް ޗިޓު ފޮނުވިގޮތާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އެދިފައިވާނެ ކަމަށާއި އެ މައުލޫމާތު ލިބުމުން ޝަރީއަތަށް ހިއްސާކުރައްވާނެ ކަމަށެވެ.

މުހައްމަދު ވަހީދު ބުނީ އޭނާ އެ ކޮމިޝަނަށް ދިޔައިރު ފުލުހުންގެ އިދާރާގެ ވަކީލެއް އެތަނުގައި އިންނެވި ކަމަށާއި ނަމަވެސް އެ ވަކީލު ކޮމިޝަނުން ބަލައިނުގަތް ކަމަށެވެ. އަދި އަމިއްލައަށް ވަކީލަކު ހަމަޖެއްސުމަށް އޭނައަށް ފުރުސަތުދިން ކަމަށާއި ނަމަވެސް ވަކީލަކު އައްޔަން ކުރަން ބޭނުންނުވާ ކަމަށް ކޮމިޝަނުގައި ބުނެފައިވާނެ ކަމަށް ވެސް މުހައްމަދު ވަހީދު ބުންޏެވެ.

ދައުލަތުން ކުރި ދައުވާއަށް މުހައްމަދު ވަހީދު އިންކާރުކޮށްފައި ވާތީ އެ ދައުވާ ސާބިތުކުރުމަށް 12 މީހަކު ދައުލަތުން ވަނީ ހެކީންގެ ގޮތުގައި ކުރިން ހުށަހަޅާފަ އެވެ. އަދި ދިފާއީ ހެކި ހުށަހެޅުމަށް ވެސް މީގެ ކުރިން އޭނަ އަށް ވަނީ ފުރުސަތުދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު