އަންނަ އަހަރު ސަރުކާރުގެ އެއްވެސް މަގާމަކަށް މުވައްޒަފުން ނުނެގުމަށް ނިންމައިފި

އަންނަ އަހަރު ސަރުކާރުގެ އެއްވެސް މަގާމަކަށް މުވައްޒަފަކު ނުނެގުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ، ސަރުކާރުގެ ހުރިހާ އޮފީހަކުން އަންނަ އަހަރަށް 5000 މަގާމަށް މީހުން ނެގުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި ވަނީ އަންނަ އަހަރަކީ "އެމްޕްލޯއީމަންޓް ފްރީޒް" އަހަރެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިއަންނަ އަހަރަކީ މުވައްޒަފުން އިތުރުކުރާ އަހަރެއް ނޫނޭ،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އެހެންކަމުން ވަރަށް ނާދިރު ހާލަތެއްގައި ނޫނީ އަންނަ އަހަރު ސަރުކާރުގެ މަގާމަކަށް މުވައްޒަފަކު ނުނަގާނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުގެ މުވައްޒަފުން ނުނަގާ ނަމަ ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި ވެފައިވާ 95000 ވަޒީފާ އުފައްދާނީ ކިހިނެއްތޯ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ސުވާލު ކުރެއްވުމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، ޕީޕީއެމްގެ މެނިފެސްޓޯގައި ބުނެފައިވަނީ ސަރުކާރުން 95000 ވަޒީފާ އުފެއްދުމަށް ނޫން ކަމަށާއި އެ ވަޒީފާތައް އުފައްދާނީ ޕްރައިވެޓް ސެކްޓާއިން ކަމަށެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑު ޖައްސާލުމާއި ރިކަރަންޓް ހަރަދުތައް އުނިކުރުން ހިމެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު