ވެލެންސިޔާ އަތުން މޮޅުވެ ނިއު އަނެއްކާވެސް އެއްވަނައަށް

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ވެލެންސިއާ އަތުން 2-1 ލަނޑުން މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

މި ނަތީޖާ އާއި އެކު ލީގު ތާވަލުގެ އެއްވަނައިގައި ނިއުރޭޑިއަންޓް އޮތީ 42 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ވެލެންސިއާ 13 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް އިރު ދެވަނައިގައި 40 ޕޮއިންޓާއެކު އޮތީ މާޒިއާ އެވެ. ތިންވަނައިގައި އީގަލްސް އޮތީ 26 ޕޮއިންޓާއެކު އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރިހޯދީވެސް ނިއު އިންނެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް 82 ވަނަ މިނިޓުގައި މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ނަމަވެސް އޭގެ ތިން މިނެޓް ފަހުން ވެލެންސިއާގެ އަހްމަދު ރިލްވާން (ރިލޭ) ވަނީ ގޯލެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ނިއުރޭޑިއަންޓުން މެޗުގައި ދެވަނަ ފަހަރަށް ކުރިހޯދީ މެޗުގެ އިތުރު ވަގުތުގައި އެޓީމުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ގޯލުންނެވެ.

މެޗު ކުޅެމުން ދިޔަ ގަޑީގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެޓީމުން ކުރެ އެއް ޓީމަކަށްވެސް އެދެވޭ ފެންވަރެއްގެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ. ނަމަވެސް މެޗުގައި ނިއު އަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައެވެ. މިގޮތުން ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ވެލެންސިއާގެ ކީޕަރު އިފްރާހު ވަނީ ދިފާއުކޮށްފައެވެ. އޭގެ ކުރިން އުމެއިރު އަދި އޮއްޕޮ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވެސްވީ ކީޕަރު އިފްރާހު އެވެ.

ވެލެންސިއާގެ ކީޕަރު އިފްރާހުގެ ފަރާތުން ގިނަ ސޭވްސް ތަކެއް ފެނިގެންދިޔަ މެޗުގައި ނިއު އިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ވެލެންސިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އުމެއިރު އާއި ޝާފީ ފޮނުވާލި ހަމަލާތައް ކީޕަރު އިފްރާހު ވަނީ ހުޝިއާރުކަމާއެކީ ދިފާއުކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސެންޓޭ ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު