ސްވިމިން އެސޯސިއޭޝަންގެ ތިން މުބާރާތުގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި

ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެންމެ ބޮޑު ތިން މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފި އެވެ.

އެސްޓީއޯގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްވިމިންގް އެސޯސިއޭޝަންގެ ފަރާތުން މި ސްޕޮންސަޝިޕް އެގްރިމެންޓުގައި ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް އެވެ.

ތިން އަހަރު ދުވަހުގެ މި އެއްބަސް ވުމުގެ ދަށުން އެސްޓީއޯ އިން ސްޕޮންސާ ކުރާނީ ސްވިމިންގް އެސޯސިއޭޝަނުން ހިންގާ އެންމެ ބޮޑު ތިން މުބާރާތެވެ. އެއީ ރާއްޖޭގެ ގައުމީ ފެތުމުގެ މުބާރާތާއި ސްކޫލުތަކުގެ ފެތުމުގެ މުބާރާތުގެ އިތުރުން ސްވިމާސް ޗެލެންޖް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ފެތުމުގެ ކަންތައްތައް ކުރިއެރުވުމަކީ ހުރިހާ ސްކޫލް ތަކަށް ވެސް މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ފެތުމުގެ ކަންތައްތައް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ހުރިހާ ސްކޫލު ތަކަކަށް ވެސް މުހިންމު ކަމެއް. އަދި އަޅުގަނޑުމެންނަށް ވެސް މުހިއްމު ކަމެއް. އެހެން ކަމުން އެކަންތައް އާލާކޮށް ދިރުވުމަށް ޓަކައި 'ލޯންގް ޓާމް ސްޓެރެޓެޖީ' އެއް އޮތުން މުހިއްމު،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެތުމަކީ ދިވެހިންނަށް ރަނގަޅު ވަނަތަކެއް ލިބުމުގެ ފުރުސަތު ބޮޑު ކުޅިވަރެއް ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ރަން ވަނައެއް ހޯދޭނެ ވަރަށް ބޮޑު ފުރުސަތެއް އޮތް ކުޅިވަރެއްހެން ސްވިމިންގް އަކީ. އެހެންވީމަ އާހިރު ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލަނީ ދުނިޔެއިން ރަން ވަނައެއް ވެސް ލިބުން،" އާޒިމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު