ޔޫތު މިނިސްޓްރީއާ ދެކޮޅަށް ކުޅިވަރު މީޑިއާ ނުކުންނަނީ

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް އަންނަ މަހު 17 ވަނަ ދުވަހު ބާއްވާ ޒުވާނުންގެ ހާއްސަ ރަސްމިއްޔާތުގެ ހަރަކާތްތައް 'ކިކްއޯފް' ކުރުމުގެ ގޮތުން ރާއްޖޭގެ މީޑީއާގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ނޫސްވެރީން 'މޯލްޑިވްސް ސްޕޯޓްސް މީޑިއާ' (އެމްއެސްއެމް އެފްސީ) އާއި ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާގެ ޓީމަކާ ދެމެޗު ވަރުގަދަ ފުޓްބޯޅަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުޅިވަރާބެހޭ ވުޒާރާއާ ދެކޮޅަށް ކުޅިވަރު މީޑިއާ ކުޅޭ ފޯރިދަގަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، މާދަމާ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

މެޗާ ބެހޭގޮތުން ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ، މިއީ ރާއްޖޭގެ ރައްޔިިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން މީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ މެސެޖެއް ދިނުމާއި، ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ފެށުން ފާހަގަކުރުމަށް ބާއްވާ ފުޓްބޯޅަ މެޗެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ، ހުރިހާ އާއިލާތަކެއްގެ މެންބަރުންވެސް ކަސްރަތު ކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަސައްކަތްކުރުން. އަދި ކުރިއަށް އޮތީ އަޅުގަނޑުމެންގެ ޒުވާނުންގެ ދުވަހުގެ ކުލަގަދަ ހަރަކާތްތައް ކަމަށް ވުމާއެކު މި ފުޓްބޯޅަ މެޗު ވެގެން ދާނީ، ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ފެށުން ކަމަށް،" ވަޒީރު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅަ މެދުވެރިކޮށް، ކުޅިވަރާބެހޭ ވުޒާރާއާ އެހެނިހެން މުއައްސަސާ ތަކާ ދެމެދު ގުޅުން ބަދަހި ކުރުމަކީ ވެސް މިފަދަ މެޗެއް ރޭވުމުގެ މުހިއްމު މަގުސަދެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ މިނިސްޓްރީއާ އެހެނިހެން މުއައްސަސާ ތަކާދެމެދު ގުޅުން ބަދަހި ކުރުމަށްވެސް ކުރެވޭ މަސައްކަތެއް. މިއީ ފެށުމެއް، އިރާދަކުރެއްވިއްޔާ އެހެން މުއައްސަސާތަކާ އެކުވެސް ކުރިއަށް އޮތްތަނުގައި މިފަދަ މެޗުތައް ކުޅެވިގެންދާނެ،" މަލީހު ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ މެޗަކީ، ހިލޭ ކުޅިބަލާލަން ދަނޑަށް ވަދެވޭ ގޮތަށް ހަމަޖެހިފައިވާ މެޗަކަށް ވާތީ، ވީހާވެސް ގިނަ ބަޔަކު އާއިލާއާ އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލައި ފޯރިގަދަ ފުޓްބޯޅަ މެޗު ބަލަން ދަނޑަށް ވަނުމަކީ ކުޅިވަރާބެހޭ ވުޒާރާ އާއި މީޑީއާގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު