"އިމާމުގެ" މައްޗަށް ދީނީ ފިތުނައަށް މަގުފަހިވާ ފަދަ އަމަލެއް ހިންގުމުގެ ދައުވާ އުފުލައިފި

ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ގެންދިޔަ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދަރުމަވަންތަ މިސްކިތުގެ "އިމާމުގެ" މައްޗަށް ދީނީ ފިތުނައަކަށް މަގުފަހިވާ ފަދަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

ގއ. ވިލިނގިލީ ޒިއުރިކްވިލާ ހުސައިން ތަހުފީގު،34،ގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ، ދަރުމަވަންތަ ރަސްގެފާނު މިސްކިތަކީ ހުކުރުކުރާ މިސްކިތެއްގެ ގޮތުގައި ކަނޑައަޅާފައި ނެތް އިރު، މިދިޔަ މަހުގެ 19 ވަނަ ދުވަހާއި 26 ވަނަ ދުވަހު އެ މިސްކިތުގައި ހުކުރު ޚުތުބާ ކިޔައި ވަކިން ޖަމާއަތް ހަދައިގެން އިމާމުވެ އެ މިސްކިތުގައި ހުކުރު ނަމާދުކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ ދެވަނަ ނަންބަރާ ހަވާލާދީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުން ބަލައިގެންފައިވާ ކަމަށެެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދީނީ އެއްބައިވަންތަކާ ބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގައި ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަން ނަގާލުމަށް މަސަައްކަތްކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްތަކަަށް އަމަލްކުރުމަކީ އަދި އެއިން އެއްވެސް ކަމެއް ކުރަން އުޅުމަކީ މަނާކަމެއް ކަމުގައި ބުނެފައިވެ އެވެ.

އެގާނޫނުގެ ހަަތަރު ވަނަ މާއްދާގަައި ބުނެފައިވާ އެއްވެސް ކަމެއް ކޮށްފި މީހެއްގެ ނުވަތަ ކުރަން އުޅުނު މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ބަލައި 2 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން ކަމުގައި އެ ގާނޫނުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު