ކުށްވެރިން ވަގުތީ ގޮތުން ކޮންޓްރޯލް ކޮށްގެން ގެންގުޅޭނެ ހާއްސަ ގާނޫނެއް ހަދަނީ

މުޖުތަމައު ތެރެއަށް ކުށްވެރިޔާ ދޫކޮށްނުލައި އަދި ފުލުހުންގެ ހައްޔަރުގައި ނުބަހައްޓައި ކުށްވެރިޔާ ވަގުތީ ގޮތުން ކޮންޓްރޯލް ކޮށްގެން ގެންގުޅޭ ހާއްސަ ގާނޫނެއް އިތުރު ކުރަން ހޯމް މިނިސްޓްރީ އިން ނިންމައިފި އެވެ.

އިސްކަންދަރުކޮށީގައި މިއަދު އޮތް ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑް (ޑީއޯސީ) ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އަލަށް ތައާރަފް ކުރާ މޮނިކޮން ނޯޓިސް (މޮނިޓާ އެންޑް ކޮންޓްރޯލް ނޯޓިސް) އަކީ ކުށްވެރިޔާ މުޖުތަމައަށް ތެރެއަށް ދޫކޮށްނުލައި އަދި ފުލުހުންގެ ހައްޔަރުގައި ނުބަހައްޓައި ކުށްވެރިޔާ ވަގުތީ ގޮތުން ކޮންޓްރޯލް ކޮށްގެން ގެންގުޅޭ ހާއްސަ ގާނޫނެއް ކަމަށެވެ.

"އެ ގާނޫނުން ލިބިދޭނެ ހާއްސަ ބާރުތަކެއް ފުލުހުންނަށް މީހާ ހައްޔަރު ނުކޮށް އަދި އެމީހާ ދޫކޮށްފައި ވެސް ނުބަހައްޓަން. އެ ދޭތެރެ މެދުގައި އޭނާ ކޮންޓްރޯލުކޮށްގެން ގެންގުޅޭ ބާރުތަކެއް. މިއީ މިހާ ހިސާބަށް ދިވެހި ރާއްޖޭގައި ނެތް ރެޖީމެއް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެފަދަ ގާނޫނެއް ހެދުމަށް ނިންމީ ބައެއް ފަހަރަށް ޝަރީއަތް ނިމެންދެން ނުވަތަ ޝަރީއަތް ނުފެށި ކޯޓުތަކުގައި މައްސަލަތައް ލަސްވުމުން ކުށްވެރިޔާ ދޫކޮށްލާފައި ބަހައްޓަން ޖެހޭތީ އެ ދެމެދުގައި ވަރަށް ގިނަ ކުށްވެރިން ތާށިވެފައި ތިބެން ޖެހޭތީ ކަމަށެވެ.

"ވަރަށް ގިނަ އަދަދެއްގެ ކުށްވެރިން އެބަތިބި އެމީހުންނަށް ހުކުމް އައުމުގެ މަގުމަތީގައި އެކަމަކު ހުކުމް ނައިސް. އެމީހުންގެ ތިން މައްސަލަ ހަތަރު މައްސަލަ ފަނަރަ މައްސަލަ އަދި ހަމަ ހުކުމެއް ނައިސްގެން އެ ދޭތެރެ މެދުގައި އޭނަ މިހުންނަނީ މިނިވަން ކަމާ އެކު،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާއްޖެ އަށް އަލަށް ތައާރަފް ކުރާ މޮނިކޮން ނޯޓިސް އަކީ އިނގިރޭސި ވިލާތުގައި އޮންނަ ޓިޕިމް އެކްޓާ އެއްފަދަ އަދި އެ ގާނުނުގައި ހުރި ކޮންޓްރޯލްތައް އެއަށް ވުރެ ވެސް ދަށް ކޮށްގެން ގެންނަ ގާނޫނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގައި ހުރި އުނދަގޫ ކަންތައްތަކެއްގެ ސަބަބުން ވަރަށް މަދު ފަހަރެއްގައި ނުނީ ބަޔަކާ މެދު ދައުވާ ކުރެވިފައި ނެތް ކަމަށެވެ. އަދި އަލަށް ތައާރަފުކުރާ މޮނިކޮން ނޯޓިސް އަންނާނީ އެ ދެ ގާނޫނުގެ މެދަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ގޭންގު ކުށްތައް މަނާ ކުރާ ގާނޫނާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރާ ގާނޫނަށް ގެންނަ ޖެހޭ އިސްލާހުތައް މިހާރު ނިމިފައިވާ ކަމަށާއި އެ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ވެސް ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން ވެސް މޮނިކޮން ނޯޓިސްގެ ގާނޫނު މިހާރު އޮތީ ޑްރާފްޓް ކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށާއި އެ ގާނޫނާ ބެހޭ ތައާރަފެއް ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް އަރުވާފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެބޭފުޅުންގެ ރުހުން އެ ގާނޫނަށް އޮތީ "ގާތްގަނޑަކަށް" ލިބިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި މޮނިކޮން ނޯޓިސްގެ ގާނޫނާ ގުޅޭ ތައާރަފެއް ނެޝެނަލް ސެކިއުރިޓީ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އަރުވާފައިވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ފުލުހުންގެ އިސް ބޭފުޅުންނަށް ވެސް މޮނިކޮން ނޯޓިސްއާ ބެހޭ ބްރީފިންއެއް އަރުވާނެ ކަމަށެވެ. މޮނިކޮން ނޯޓިސްގެ ގާނުނު މިމަހުގެ ފަހު ކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެގާނުނު ފާސްވެގެން އައުމުން އަމަން އަމާންކަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ކުރައްވާ ކަންކަމުގައި ވަރަށް ފާޑުކިޔުންތައް އަންނާނެ ކަމަށާއި ނަމަވެސް އެ ފާޑުކިޔުންތަކުގެ ތެރެއިން ގައުމު އަމަންއަމާން ކަމަށް ގެންދެވުމުން އަޑުއިވޭނީ އަތްތިލަބަޑިޖަހާ އަޑު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު