ތިމާވެށިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެކްޝަން ޕްލޭނެއްގެ މަސައްކަތް ފަށައިފި

ތިމާވެށީގެ ޒަރިއްޔާ އިން ޖެހޭ ބަލިތަކުން މީހުން ސަލާމަތްކުރުމުގައި އަމަލުކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ އެކްޝަން ޕްލޭން މުރާޖަޢާކޮށް ފައިނަލް ކުރުމުގެ މަސައްކަތު ބައްދަލުވުން ފަށާފައި ވަނީ މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ބައްދަލުވުމުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަނާއި ހެލްތު މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ގުޅިގެން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭންގައި އިތުރަށް ބަދަލުކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ.

އެގޮތުން އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ކަމާ ބެހޭ ހުރިހާ މުއައްސަސާއެއް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ ބަލައި މަޝްވަރާ ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

"އަޅުގަނޑުމެން ތެރޭގައި އެބަހުރި މުޖުތަމައު ރައްކާތެރި ނުވުމުން ފެތުރޭ ބަލިތައް. ކުނި ނައްތާލެވޭ ގޮތަކުން ފެތުރިދާނެ ބަލިތައް އެބަހުރި. ބޭނުންކުރާ ފެނުގެ ސަބަބުން ޖެހިދާނެ ބަލިތައް އެބަހުރި. ވޭސްޓް ޑިސްޕޯސް ކުރާ ގޮތަކުން ދިމާވެދާނެ ބަލިތައް އެބަހުރި. އެހެންވީމާ އެފަދަ ކަންކަން ހައްލު ކުރަން ކުރެވިދާނެ ކަންކަން މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ،" ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްތަރު އައިޝަތު ރަމީލާ ވިދާޅުވި އެވެ.

އެ ބައްދަލުވުން ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު