ސަފާގެ ނެޓުވޯކުގައި ހިމެނޭ މީހަކު ހައިކޯޓުން ސަލާތްވެއްޖެ

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގުގެ ބައިވެރިއެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މ. ކުދެހިގޭ ހުސައިން އާތިފު 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

އެ ހުކުމްގައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ހަމައެކަނި ފޯންކޯލް ރެކޯޑިންގް އެއްގެ މައްޗަށް ރިއާޔަތްކޮށް ކަމުގައިވާ އިރު، ކޯލް ރެކޯޑު ކުރުމަށާއި ކޯލްތަކުގެ ތަފްސީލާއި ޓެކްސްޓް މެސެޖުތަކުގެ މައުލޫމާތު ހޯދައި ބޭނުންކުރުމަށް ކޯޓު އަމުރުން ހުއްދަދީފައި ވަނީ 23 ޖޫން 2011 އިން ފެށިގެން 23 ސެޕްޓެމްބަރު 2011 އަށް ކަމަށެވެ.

އެމީހަކާ ދެކޮޅަށް ހުށަހެޅިފައިވާ ހެއްކަކީ ގާނޫނީ ގޮތުން ބަލައިގަނެވޭނެ ހެކިކަމާ މެދު ދައުވާ ލިބޭ ފަރާތުގެ ވަކީލު އާދަމް އާސިފް ސުވާލުއުފައްދައި، އެ ހެކި ހޯދާފައިވާ ގޮތް ދައުލަތުގެ ކިބައިން އޮޅުންފިލުވުމަށް ޝަރީއަތުގައި އެދިފައިވާ ހާލަތުގައި އެކަން ނުކޮށް އެހެކިތަކަށް ބިނާކޮށް މައްސަލައިގެ ހުކުމަށް ވާސިލުވުމަކީ ގާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށް އެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ވަނީ އެ މައްސަލާގައި ހިމެނޭ ފޯނުކޯލް ރެކޯޑިންގްތަކަކީ ކޯޓުއަމުރެއްގެ ދަށުން ރެކޯޑުކުރެވިފައިވާ ފޯނުކޯލްތަކެއްކަމާ މެދު އާތިފްގެ ވަކީލު އާދަމް އާސިފް ކްރިމިންލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ސުވާލު އުފައްދައި، އެފަދަ އަމުރެއްއޮތް ނަމަ އެއަމުރެއް ބަލަންބޭނުންވެގެން ކޯޓުގައި އެދިފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް އެފަދައަމުރެއް އޮތްތޯ ޝަރީއަތުން ބަލާފައިވާކަން ނުވަތަ އެފަދަ އަމުރެއްއޮތް ނަމަ ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް އަންގަވާފައިވާކަން ނުވަތަ އެފަދަ އަމުރެއް އޮތްނަމަ އެއަމުރުގެ ކޮޕީ އާތިފަށް ހިއްސާކޮށްފައިވާކަން އެނގެން ނެތް ކަމަށް އެ ހުކުމްގައިވެ އެވެ.

މިއީ ހަމައެކަނި ފޯންކޯލެއްގެ މައްޗަށް ބިނާކޮށް މީހަކު ޖަލަށްލުމަށް ކޮށްފައިވާ ހުކުމެއް މަތީ ކޯޓަކުން ބާތިލުކުރި ފުރަތަމަ ފަހަރެވެ.

ސަފާގެ މައްޗަށް ވެސް ޖަލުހުކުމް އިއްވާފައި ވަނީ ހަމައެކަނި ފޯންކޯލެއްގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު