ހައްދުޖެހުމާ ބެހޭ ގަވައިދެއް ސުޕްރީމްކޯޓުން ހަދައިފި

ހައްދުޖެހުމާއި ތައުޒީރުކުރުމާ ބެހޭ ގަވައިދެއް ސުޕްރީމްކޯޓުން ހަދައި އާއްމުކޮށްފި އެވެ.

ސުޕްރީމްކޯޓުން އިއްޔެ އާންމު ކުރި ގަވައިދުގައި ބުނެފައި ވަނީ އެ ގަވައިދަކީ ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާއާއި 141 ވަނަ މާއްދާއާއި 156 ވަނަ މާއްދާއިން އެކޯޓަށް ލިބިދޭބާރުގެ ދަށުން ހެދި ގަވައިދެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ކޯޓުތަކުން ހައްދުޖެހުމާއި ތައުޒީރުކުރުމަށް ކުރާ ހުކުމްތައް ތަންފީޒުކުރުމުގައި ކޯޓުން އަމަލުކުރާނެގޮތް ބަޔާންކުރާ ގަވާއިދު ކަމަށް ވެސް ބުނެފައިވެ އެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން ހައްދުޖެހުމާއި ތައުޒީރުކުރުމަށް ކުރާ ހުކުމްތައް ތަންފީޒުކުރާނީ ހުކުމް ތަންފީޒުކުރެވޭ މީހާގައި ތިން ކަމެއް ފުރިހަމަވާ ނަމައެވެ. އެ ތިން ކަމަކީ ހުކުމްތަންފީޒުކުރެވޭ މީހާގެ ބުއްދި ސަލާމަތުން ހުރުމާއި މާބަނޑުމީހެއްކަމުގައި ނުވުމާއި ހައްދުޖެހުމުގެ ސަބަބުން ފުރާނައަށް ނުވަތަ ހިއްސަކަށް ނުރައްކާވެދާނެ ފަދަ ބައްޔެއް ހުރި މީހަކު ކަމުގައި ނުވުމެވެ. އަދި އެފަދަ ކަމެއް ހުރިކަމަށް ހުކުމް ރައްދުވާ މީހާ ބުނާ ނަމަ އެކަން ސާބިތުކޮށްދޭ މެޑިކަލް ސެޓިފިކެޓް ނުވަތަ ރިޕޯޓް ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެފަދަ ލިޔުންތަކަކީ ސައްހަ ލިއުންތަކެއްކަން ކަށަވަރުކުރަން ވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ހުކުމް ތަންފީޒުކުރެވޭ މީހާގެ ހާލަތު ދެނެގަތުމަށް ކުރަން ޖެހޭ އެއް ކަމެއް ކަމަށް ގަވައިދުގައި ބުނެފައި ވަނީ ، ހުކުމްކުރެވޭ މީހާއަކީ މަންމަނަކު ނުވަތަ ދިވެހި ބަސް ނޭނގޭ މީހެއް ނަމަ އެމީހާ ދައްކާ ވާހަކަ އެނގޭނެ މީހެއްގެ ބަޔާން ހޯދުމެވެ.

"ހުކުމް ތަންފީޒުކުރެވޭ މީހާގެ ހާލަތު ދެނެގަތުމަށް ޓަކައި، އެހުކުމް ކުރެވޭ މީހާއަކީ މަންމަނަކު ނުވަތަ ދިވެހިބަސް ނުދަންނަ މީހަކު ނަމަ، އެމީހާ ދައްކާ ވާހަކަ އެނގޭނޢޭމީހެއްގެ ބަޔާން ހޯދަންވާނެ އެވެ،" ގަވައިދުގައިވެ އެވެ.

ގަވައިދުގައިވާ ގޮތުން ހައްދުޖެހުމަށް ނުވަތަ ތައުޒީރުކުރުމަށް ކުރާ ހުކުމް ތަންފީޒުކުރަންވާނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އޮންނަ މުހުލަތު ހަމަވުމުން ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމުމުންނެވެ. އަދި ހުކުމް ތަންފީޒު ކުރުމަށް ގަވައިދުގައި ބުނެފައިވާ ޝަރުއީ އަދި ގާނޫނީ އުޒުގެ ހާލަތު ނެތި ދިއުމުން ލަސް ނުކޮށް ހުކުމް ތަންފީޒުކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަދު އާއްމުކުރި ގަވައިދަށް އަމަލުކުރަން ފެށުމުން ޝަރީއަތްކުރުމާ ބެހޭ ގޮތުން ހަދާފައިވާ ގަވާއިދު (6)ގެ 222 ވަނަ މާއްދާ ބާތިލުވާނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު