ފޯނެއް ފޭރިގަތުމަށް ފަހު ބަދުއަޙުލާގީ ޢަމަލު ހިންގުމުން ފޯނު ދޭނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

އަންހެނެއްގެ އަތުން ފޯނެއް ފޭރިގަތުމަށް ފަހު، ފޯނު އަނބުރާ ބޭނުން ނަމަ އޭނާ އާ އެކު ބަދުއަޚްލާގީ ޢަމަލު ހިންގުމަށް ނުވަތަ ފައިސާ ދިނުމަށް އެދުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ އާންމު ކުރި ބަޔާނެއްގައި ބުނީ ހޯމަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"ފޯނު ފޭރިގަތް ކަމަށް ފުލުހުންނަށް ހުށަހެޅުމާ އެކު ފޯނު ފޭރިގަތް މީހާ އާއި ފޯނު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ އޮފިސަރުން ދިޔައީ ކުރަމުން."

ފުލުހުން ބުނީ ފޭރިގަތް ފޯނަށް ފޯނުގެ ވެރިފަރާތުން ގުޅުމުން އޭނާ އަށް 1000 ރުފިޔާ ދިނުމުން ނުވަތަ އޭނާއާ އެކު ބަދު އަޙުލާގީ ޢަމަލު ހިންގުމުން ފޯނު ހަވާލުކުރާނެ ކަމަށް ބުނި ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ މާފަންނު ލެމަންގުރާސް ކައިރިން ކަމަށެވެ. އަދި އޭނާގެ އަތުން އޭނާ ފޭރިގަނެފައިވާ ފޯނު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފޯނު ފޭރިގަތް މީހަކީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން 40 ފަހަރެއްގެ މަތިން ހުއްޓުވައި ސުވާލުކުރުމުގެ އިތުރުން 24 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށެވެ. އަދި އެކިއެކި މައްސަލަތަކާ ގުޅިގެން އޭނާ 14 ފަހަރެއްގެ މަތިން ހައްޔަރު ކޮށްފައިވާ އިރު އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 11 މައްސަލައެއްގެ ތަޙުގީގު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެއް ކަމަށެވެ.

މީގެ އިތުރުން އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން ވައްކަމާއި ފޭރުމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު