ކުރާނެ މަސައްކަތެއް ނެތުމުން މަޖިލިސް ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން މަޖިލިސް ޖަލްސާ ނިންމާލައިފި އެވެ.

މިއަދު ހެނދުނު ޖަލްސާ 9:00ގައި ފެށުމަށް ފަހު ކުރިއަށް ގެންގޮސްފައި ވަނީ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، މިނިސްޓަރު އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. މުޙައްމަދު މުއިއްޒުއާ ކުރައްވާ ސުވާލެވެ. ސުވާލުކުރުމުގެ ވަގުތުގައި އިތުރު މެމްބަރުންގެ ސުވާލުތަކަށް ވެސް މިނިސްޓަރު ޖަވާބު މުއިއްޒު ވަނީ ދެއްވައިފަ އެވެ.

އެއަށް ފަހު މަޖިލިސްގެ ރައީސް އިއުލާން ކުރައްވާފައި ވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤް ހުށަހަޅުއްވާފައިވާ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. އެއަށް ފަހު އިތުރު މަސައްކަތެއް ނެތުމުން މަޖިލިސް ޖަލްސާ ނިމުނީކަމަށް އިއުލާން ކުރެއްވި އެވެ.

"އެޖެންޑާ އައިޓަމް ހަ ޔަކުން ފެށިގެން 13 ގެ ނިޔަލަށް މި ހަ އެޖެންޑާގެ ދަށުން މިއަދު މަސައްކަތެއް ނެތް، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 އޮކްޓޫބަރުވާ ހޯމަ ދުވަހު ހެނދުނު 9:00 ޖަހާއިރު." މަޖިލިސްގެ ރައީސް އިއުލާން ކުރެއްވި އެވެ.

މަސައްކަތެއް ނެތިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާ އިރު މިދިޔަ ހޯމަ ދުވަހު ބާއްވަން ނިންމި ޖަލްސާ ވެސް ވަނީ މަސައްކަތެއް ނެތިގެން ނުބާއްވަ އެވެ.

މަޖިލިސް މެމްބަރުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 82،500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. މަޖިލިސް މެމްބަރުންގެ އަސާސީ މުސާރައަކީ 42،500 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި މެމްބަރުންނަށް 20،000 ރުފިޔާ ލިބިވަޑައިގަންނަވާ އިރު، ކޮމެޓީ އެލަވަންސްގެ ގޮތުގައި ވެސް 20،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު