އިންޑިޔާގެ ދިފާޢީ ވަޒީރު ޕާކިސްތާނަށް އިންޒާރެއް ދެއްވައިފި

ނިއުދިއްލީ (އޮކްޓޯބަރު 22) : ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިޔާ އަށް އިސްވެ ޙަމަލާދެމުން ގެންދަނީ ޕާކިސްތާން ކަމަށް ބުނެ މިއީ ނަތީޖާ ނުބައިވެދާނެ ކަމެއްކަމުގެ އިންޒާރު އިންޑިޔާ އިން ދީފި އެވެ.

އިންޑިޔާގެ ދިފާއީ ވަޒީރު އަރޮން ޖެއިޓްލީ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ކުރިޔަށް ދިޔަ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް އެޅިފައިވާ ހުރަހަކީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާނުން އިންޑިޔާ އަށް ދެމުންގެންދާ ޙަމަލާތައް ކަމުގަ އެވެ. މިޙަމަލާތަކަކީ ޕާކިސްތާނުން އިސްވެ ދޭ ޙަމަލާތަކެއް ކަމަށާ މިކަމުގެ ރައްދުގައި މިހާރުދޭ ޙަމަލާތަކަށްވުރެ ވަރުގަދަ ޙަމަލާތަކެއް ޕާކިސްތާނަށް ދިނުމުގެ އިޚްތިޔާރު އިންޑިޔާ އަށް ލިބިގެންވާކަމަށް ޖެއިޓްލީ ވިދާޅުވި އެވެ. ކޮންވެންޝަނަލް ހަތިޔާރުގެ ރޮނގުން ޕާކިސްތާނަށް ވުރެ އިންޑިޔާގެ ބާރުގަދަވާނެ ކަމަށާ ހަމަލާތައް ވަރުގަދަ ވެއްޖެ ނަމަ ގެއްލުން ބޮޑުވާނީ ޕާކިސްތާނަށް ކަމަށް ވެސް ޖެއިޓްލީ ވިދާޅުވި އެވެ.

ކަޝްމީރުގައިވާ އިންޑިޔާއާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގަށް ދީފައިވާނަމަކީ ލައިން އޮފް ކޮންޓްރޯލް އެވެ. ކަޝްމީރުގެ ދެފަޅީގައި ތިބެގެން ލައިންއޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ޙަމަލާތައް ބަދަލުކުރަމުން ގެންދިޔުމަކީ ވަރަށް އާންމު ކަމެކެވެ. މިޙަމަލާތައް ދޭއިރު އިސްވެ ޙަމަލާތައް ދިނުމުގެ ޒިންމާ ކޮންމެ ގައުމަކުން ވެސް އަޅުވަނީ އަނެއް ގައުމުގެ ބޮލުގަ އެވެ. އިންޑިޔާގެ ދިފާޢީ ވަޒީރު ވިދާޅުވީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ދެމުން ގެންދާ ޙަމަލާތައް ހުއްޓާލައި ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގެ މާހައުލު ތަނަވަސްކޮށްދިނުމަކީ ޕާކިސްތާނުގެ ޒިންމާއެއްކަމުގަ އެވެ.

ކަޝްމީރުގައިވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް މި އޮކްޓޯބަރ މަހުގެތެރޭގައި ދެގައުމުގެ ސިފައިން ބަދަލުކުރި ޙަމަލާތަކުގައި ދެގައުމުން ޖުމްލަ 20 މީހުން މަރުވެފައިވާ އިރު މިޙަމަލާތަކުގައި އިތުރު ބަޔަކު ޒަޚަމްވެފައިވެ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު