ދިރާގު ދިވެހި ލީގު:
ވިކްޓަރީ ބަލިކޮށް މާޒިޔާ ލީގު ތާވަކުގެ އެއްވަނައަށް

ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގެ ދެވަނަ މެޗުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-1 ލަނޑުން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގު ތާވަލުގެ އެއްވަނައަށް އަރައިފި އެވެ.

ގަދަ ހައެއްގެ މެޗުތައް އަންގާރަ ދުވަހު ހަވީރު ފަށާފައި ވާއިރު، މިރޭ ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް މާޒިޔާ އެރީ 40 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާއަށް ވުރެ އެއް މެޗު މަދުން ކުޅެގެން 39 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އަދި މިރޭގެ މެޗުން ބަލިވި، ވިކްޓަރީ 20 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތްއިރު، ތާވަލުގެ ތިން ވަނައިގައި އޮތީ މި ބުރުގެ ފުރަތަމަ މެޗުގައި މަހިބަދޫ އަތުން މޮޅުވެ ޖުމުލަ 26 ޕޮއިންޓާއެކު ކްލަބް އީގަލްސް އެވެ.

ގައުމީ ފުޓުބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މާޒިޔާއިން ނެވެ. އެޓީމަށް ލިބުނު ކޯނަރަކުން ސަމްދޫހު މުޙައްމަދު ވިކްޓަރީ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން މެޗުގެ ހަ ވަނަ މިނިޓްގައި އެޓީމަށް ލަނޑު ޖަހައި ދިނީ މިޑްފީލްޑަރު އަހުމަދު ނާޝިދު އެވެ.

އޭގެ ހަ މިނެޓު ފަހުން ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ވިކްޓާ މާޒިޔާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ކޯނަރެއް ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެން ވިކްޓްރީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް ޝަފްރާޒް އެވެ. މާޒިޔާއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ އެޓީމުގެ މިޑްފީލްޑަރު ހަސަން ޝިފާޒް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ޓީމަށްވެސް ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވި ނަމަވެސް ހާފު ނިމިގެން ދިޔައީ 2-1ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެއެވެ.

މާޒިޔާގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މާޒިޔާއަށް ޕެނަލްޓީ ލިބުނީ، ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރު މަޒްހަރު އަބްދުﷲ މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ)އަށް ފައުލުކުރުމާ ގުޅިގެންނެވެ.

ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގަައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާއި ކްލަބް ވެލެންސިއާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު