ސްޓިންގާސް ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ކުރިއަށް ގެންދާ 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ހަތަރު ވަނަ މެޗުގައި ރެޑްލައިން ސިޓީއާ ވާދަކޮށް ސްޓިންގާސް ބީސީ މި މުބާރާތުގައި އެޓީމު ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ، ސްޓިންގާސް، އާރްއެލް ސިޓީ އަތުން 15 ޕޮއިންޓުގެ ތަފާތުން މިއަދު މޮވެފައިވާއިރު، އެޓީމު ކުޅުނު ފުރަތަމަ މެޗުން ސައިކްލޯން ބީސީއާ ވާދަކޮށް މޮޅުވީ 55-75 ޕޮއިންޓުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ސްޓިންގާސް 63 ޕޮއިންޓް ހަމަކުރި އިރު، އާރްއެލް ސިޓީއަށް ހަމަކުރެވުނީ 48 ޕޮއިންޓެވެ.

ސްޓިންގާސް ބީސީގެ އިސްމާއީލް ޒައިދު 28 ޕޮއިންޓާއެކު އެޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އިރު، އާރްއެލް ސިޓީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 14 ޕޮއިންޓް ހޯދި ފިރުނާސް މުޙައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ސްޓިންގާސްއަށް 21 ޕޮއިންޓް ހޯދައިދީ މެޗުގައި މޮޅުކުޅުމެއް ދެއްކި އެޓީމުގެ ރިޝްފާން ރަޝީދެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރު ކުރިއަށް ގެންދާއިރު، ގްރޫޕް އެކެއްގައި ސްޓިންގާސް އާއި އާރްއެލް ސިޓީގެ އިތުރު ހިމެނެނީ، ސައިކްލޯން އާއި ވީ-ޔުނައިޓެޑް އެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ކްލަބް ޕީކޭ، ޔޫއެން ފްރެންޑްސް އަދި ދަ ބައުސް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު