މަހިބަދޫއާ ވާދަކޮށް ފަހު ބުރުގެ ފުރަތަމަ މެޗު އީގަލްސް ކާމިޔާބުކޮށްފި

ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-0 ލަނޑުން ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ޖެހި ފުރަތަމަ ގޯލް މެޗުގެ 26 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ) ދިން ޕާހަކުން އިބްރާހިމް މުބީން އެވެ. އަދި 90 ވަނަ މިނިޓުގައި ޔަސްފާދު ހަބީބް އީގަލްސް އަށް ލީޑު ފުޅާކޮށްދިން އިރު އޭގެ އިރުކޮޅެއްފަހުން އިމްރާން ނާޝިދު ވަނީ ތިންވަނަ ގޯލް ކާމިޔާބުކޮށް ލީގުގައި ތިންވަނަ ފަހަރަށް މަހިބަދޫގެ މައްޗަށް އެޓީމަށް މޮޅެއް ކަށަވަރުކޮށްދީފައެވެ.

މެޗުގައި އީގަލްސް އަށް އިތުރު ގޯލްތައް ޖަހާނެ ރަނުގެ ފުރުސަތުތައް ލިބިފައިވާއިރު ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މެސީ ފޮނުވާލި ހަމަލާ މަހިބަދޫގެ ގޯލްގެ ހުރަސް ދަނޑިއާ އަމާޒުވި އިރު އިމްރާން ފޮނުވާލި ހަމަލާ އިދިކޮޅު ޓީމުގެ ކީޕަރު ޖަޒްލާން ވަނީ ދިފާއުކޮށްފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު މަހިބަދޫގެ އޭރިއާ ތެރެއިން މެސީ ހުހަށް ހުރެ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 72 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އީގަލްސް ޓީމަށް ކުޅެން ނުކުތް އިބްރާހިމް ފުރުގާން (ފުގޭ) ފޮނުވާލި ހަމަލާ ކީޕަރު ޖަޒްލާން ހުޝިއާރުކަމާއެކީ ދިފާއުކުރި އިރު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އެޓީމުގެ ޔަޝްފާދު ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ މަހިބަދޫގެ ޑިފެންޑަރެކެވެ.

މި މެޗުގައި ފުގޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތުމަށްފަހު އޭނާ ވަނީ އީގަލްސް އިން އުފެއްދި ގިނަ ހަމަލާތައް އުފެއްދުމުގައި އިސް ރޯލެއް އަދާކޮށްފައެވެ.

މެޗުގައި މަހިބަދޫ އަށް ގޯލެއް ޖެހިފައި ނެތަސް އެޓީމުންވެސް ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އެޓީމުގެ ކެޕްޓަން އަހުމަދު ރިޝާމް ފޮނުވާލި ހަމަލާގެ ހުރަހަކަށް ކީޕަރު ފައިސަލް ވީއިރު ދެވަނަ ހާފުގައި ޖުނައިދުގެ ފަރާތުން ކައިރި ކައިރީގައި ފެނުނު ދެ ހަމަލާވެސް ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

މި ލިބުނު މޮޅާއެކު ދިރާގު ދިވެހި ލީގުގެ ތިންވަނައިގައި 26 ޕޮއިންޓާއެކު އީގަލްސް އިން ހަމަޖެހިލިއިރު މެޗުން ބަލިވި މަހިބަދޫ ސްޕޯޓްސް ކްލަބް އޮތީ 11 ޕޮއިންޓާއެކު ހަވަނައިގައެވެ. ދިވެހި ލީގުގެ އެންމެ ކުރީގައި 39 ޕޮއިންޓާއެކު އަދިވެސް އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ދިވެހި ލީގުގެ ތިންވަނަ ބުރުގެ ދެވަނަ މެޗުގައި މިރޭ 9:00ގައި ބައްދަލުކުރާނީ މާޒިއާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު