ޖިނާއީ އަދުލުގެ ނިޒާމަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ: ނައިބު ރައީސް

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޖިނާއީ ނިޒާމަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހިފައިވާއިރު، "މިކަމަކީ މީގެ ކުރިން އެއްވެސް ފަރާތަކުން އިސްކަން ނުދޭވަރަށް މި ސަރުކާރުން އިސްކަންދޭ ކަމެއް" ކަމަށެވެ.


މިފަދަ މައްސަލަތައް ހައްލުކުރުމުގައި ސިޔާސީ ތަފާތުތައް އެއްފަރާތްކުރުމަށްވެސް ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ.

"މިފަދަ މައްސަލަތައް ހައްލުކުރުމަށް ސިޔާސީ ތަފާތުތައް އެއްފަރާތްކޮށް، ހުރިހާ ބޭފުޅުންވެސް ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަން،" އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވެއެވެ.

ކ. މާފުށީ ޖަލުން ނުރައްކާތެރި ދެ ކުށްވެރީން ފިލުމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި ނައިބު ރައީސް ވިދާޅުވީ، "އެންމެހައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމުގައި ސަރުކާރުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން ދާނެ" ކަމަށެވެ.

ރާއްޖޭގެ ޖަލުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ، ފަރިޔާޝް އަހުމަދު ، މިދިޔަ ހުކުރު ދުވަހުގެ ރޭ ޖަލުން ފިލައިގެން އުޅެނިކޮށް ފުލުހުން މިއަދުވަނީ އޭގެ ތެރެއިން ފަރިޔާޝް ހޯދައި އަލުން ހައްޔަރުކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު