ބަނގުރާ ކައްކަން ތިބި ހަތަރު މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި

ފުވައްމުލަކު ދިގުވާނޑު އަވަށުގެ ޗަސްބިމުގައި ބަނގުރާ ކައްކަން ތިބި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ދިގުވާނޑު އަވަށުގެ ޗަސްބިމުގައި ބަނގުރާ ކައްކަން ތިއްބައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 30 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް ކަމަށެވެ. އަދި މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

އާއްމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކުރީ ރޭ 9:15 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެމީހުން އެވަގުތު ތިބި ތަން ބަލައިފާސްކުރިކުރުމުން ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވާ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ބަނގުރާ ކައްކަން ތިއްބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންއެ ކޯޓުން ވަނީ ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައި ކަމަށްވެ. އަދި މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގައި ވެސް ފުލުހުން ވަނީ، ފުވައްމުލަކުގައި ބަނގުރާ ކައްކައިގެން ކުޑަ ކުއްޖަކާއި އިތުރު މީހަކު ހައްޔަރު ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު