ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގަން ބޭނުން: ނެސްލޭ

ކޮލަމްބޯއިން: މުހައްމަދު ސިމާއު

ރާއްޖޭގައި ގިނަ ތަފާތު ހަރަކާތްތަކެއް ހިންގަން ބޭނުންވާ ކަމަށް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މިހާރު ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ނެސްލޭ ލަންކާ އިން ބުނެފި އެވެ.

ސްރީލަންކާގައި ހުންނަ ނެސްލޭގެ ކާރުހާނާ ދިވެހި ނޫސްވެރިންނަށް ދައްކާލުމަށް ފަހު ނެސްލޭ ލަންކާގެ މައި އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެސްލޭ ލަންކާގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގަނޭސަން އަމްޕަލަވަނާރު ވިދާޅުވީ، ނެސްލޭގެ އެކިއެކި ބްރޭންޑުތަކުން ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ހިންގުމަށް ބޭނުންވާ ކަމަށެވެ.

ނަމަވެސް ހަރަކާތްތައް ހިންގުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން އިސްނަގަންޖެހޭ ކަމަށާއި އެފަދަ ހުރިހާ ކަމަކަށް ނެސްލޭ އިން އެއްބާރުލުންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނެސްލޭ އޮތީ ކޮންމެ ހަރަކާތެއްގައި ވެސް ހަރަކާތްތެރިވުމަށް ތައްޔާރަށް. އެކަމަށް ކޯޕަރޭޓިވްތަކާއި ސަރުކާރުން އިސްނަގަން ޖެހޭ. ނެސްލޭ އިން އެކަނި ޕްރޮގްރާމްތަކެއް ނުހިންގޭނެ،" ނެސްލޭ ލަންކާގެ މެނޭޖްމަންޓް ބޯޑާ އެކު ބޭއްވި ބައްދަލުވުމުގައި އެމްޑީ ވިދާޅުވި އެވެ.

އެގޮތުން، ސްކޫލްތަކުގެ ދަރިވަރުން ކުޅިވަރުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ސްރީލަންކާ އަދި މެލޭޝިއާގައި ކާމިޔާބު ކަމާއެކު ކުރިއަށްގެންދާ "ކަލާސް އެވޯޑް" އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި މި އަހަރުން ފެށިގެން ކުރިއަށްގެންދަން ފަށާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ސްކޫލް ދަރިވަރުންގެ ކެއްކުމުގެ މުބާރާތެއް އެގައުމުގެ ސަރުކާރާއި ގުޅިގެން ނެސްލޭގެ މެގީ ނޫޑްލިސް އިން 30 އަހަރުވަންދެން މެލޭޝިއާގައި ކުރިއަށްގެންދާ ކަމަށް ވެސް ގެނޭސަން ވިދާޅުވި އެވެ.

ނެސްލޭ އިން އިތުރު އުފެއްދުންތަކެއް ރާއްޖެ އަށް ތައާރަފްކުރުމުގެ ވިސްނުމެއް ގެންގުޅެންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ޓުއަރިސްޓް ހޮޓާ އަދި ރެސްޓޯރެންޓްތަކަށް އަމާޒުކޮށްގެން އުފެއްދުންތަކެއް އަންނަ އަހަރު ތައާރަފް ކުރާނެ ކަމަށެވެ. އަދި ނެސްލޭގެ ނެސްކެފޭގެ އައު އުފެއްދުން ތައާރަފްކުރުމަށް ހާއްސަ ހަރަކާތެއް ވެސް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ރާއްޖޭގައި ބާއްވާނެ ކަމަށް ނެސްލޭން ބުންޏެވެ.

ނެސްލޭ އިން 86 ގައުމެއްގައި 460 އަށްވުރެ ގިނަ ކާރުހާނާ ގާއިމްކޮށްފައިވާ އިރު، އެ ކުންފުނިން 2000 އަށްވުރެ ގިނަ އުފެއްދުންތައް ބާޒާރަށް ނެރެ އެވެ. އަދި ނެސްލޭގެ އުފެއްދުންތައް 1970 ވަނަ އަހަރުން ފެށިގެން ވިއްކަން ފަށާފައިވާ އިރު، ރާއްޖެއަކީ އެ ކުންފުނިން އުފައްދާ މައިލޯ އެންމެ ގިނައިން އެތެރެކުރާ ގައުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު