ސިއްހަތަށް ފައިދާ ހުރި އުފެއްދުންތަކަށް މަސައްކަތްކުރަން: ނެސްލޭ

ކޮލޮންބޯއިން: މުހައްމަދު ސިމާއު

ނެސްލޭ ރަހައާއި އެއްވަރަށް ސިއްހަތަށް ރަނގަޅު އުފެއްދުންތަކަކަށް ހެދުމަށް މަސައްކަތްކުރާ ކަމަށް ލަންކާގައި ހުންނަ ނެސްލޭ ކުންފުނިން ބުނެފި އެވެ.

ސްރީލަންކާގައި ހުންނަ ނެސްލޭގެ ކާރުހާނާ ދިވެހި ނޫސްވެރިންނަށް ދައްކާލުމަށް ފަހު ނެސްލޭ ލަންކާގެ މައި އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނެސްލޭ ލަންކާގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގަނޭސަން އަމްޕަލަވަނާރު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ވިޔަފާރީގެ އިތުރުން އެ ކުންފުނީގެ އުފެއްދުންތަކަކީ ސިއްހަތަށް ރަނގަޅު އުފެއްދުންތަކަކަށް ހެދުމަށް ކަމަށެވެ.

އެގޮތުން އެ ކުންފުނިން އުފައްދާ ތަކެތީގައި، މާގިނައިން އެއެއްޗެއް ބޭނުންކުރުމުން އިންސާނާގެ ސިއްހަތަށް ގެއްލުންވާ ލޮނާއި ހަކުރުގެ އަދި ފެޓްސްގެ މިންވަރު އެއް އަހަރުން އަނެއް އަހަރު ދަށްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ކުރަނީ ރަހައަށް ބަދަލު ނެގެނެސް، ސިއްހަތަށް ވެސް ބަލައިގެން ތަކެތި އުފެއްދުމަށް. އެގޮތުން ކޮންމެ އަހަރަކު 'މައިލޯ'ގައި ހިމެނޭ ހަކުރުގެ މިންވަރު ދަނީ ދަށްކުރަމުން. އަދި މައިލޯ އަކީ ރާއްޖެ އަދި ލަންކާގައި ބޭނުންކުރާ ބުއިންތަކުގެ ތެރެއިން، ހަކުރު އެންމެ މަދުން ހިމެނޭ އެއް ބުއިން،" ނެސްލޭ ލަންކާގެ މެނޭޖްމަންޓް ބޯޑާއެކު ބޭއްވި ބައްދަލުވުމުގައި އެމްޑީ ވިދާޅުވި އެވެ.

ގެނޭސަން ވިދާޅުވީ، ނެސްލޭ ކުންފުނީގެ ފަރާތުން ރަނގަޅު ސިއްހަތަކަށް މީހުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތަކެއް ވެސް ހިންގަމުންދާ ކަމަށެވެ. އަދި އެކަން ނެސްލޭގެ ކުންފުނީގެ ސާފުތާހިރު ކަމުން ވެސް އިނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުޑަކުދިންނަށްޓަކާ ލަންކާގައި ކާމިޔާބު ކަމާއެކު ހިންގަމުންދާ "ހެލްތީ ކިޑްސް ޕްރޮގްރާމް" އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ފަށާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ދުނިޔޭގައި ކާނާ އާއި ބުއިމުގެ ބާވަތްތައް އުފެއްދުމުގައި މަޝްހޫރު ސްވިޒަލޭންޑުގެ ކުންފުނި، "ނެސްލޭ"ގެ ލަންކާ ކުންފުންޏަށް ދިވެހި ނޫސްވެރިން ޒިޔާރަތްކުރީ އިއްޔެ އެވެ. އަދި އެ ޒިޔާރަތުގައި މައިލޯ އަދި އެ ކުންފުނިގެ މެގީ ނޫޑްލިސް އުފައްދާ ގޮތް ދައްކާލައިފައިވާ އިރު، އެ ކުންފުނިން ގެންގުޅޭ ސާފުތާހިރުކަމުގެ މިންގަނޑުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށްވަނީ މައުލޫމާތުދީފަ އެވެ.

ނެސްލޭގެ ބްރޭންޑުން ދުނިޔޭގެ 86 ގައުމެއްގައި 460 އަށް ވުރެ ގިނަ ކާރުހާނާ ގާއިމްކޮށްފައިވާ އިރު، އެ ކުންފުނިން 2000 އަށް ވުރެ ގިނަ އުފެއްދުންތައް ބާޒާރަށް ނެރެ އެވެ. އަދި ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އެ ކުންފުނީގެ އެއް ބިލިއަން އުފެއްދުން ވިކޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މައިލޯ ބްރޭންޑް ބޭނުންކޮށްގެން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ނެސްލޭ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފަށާފައި ވަނީ 1970 ވަނަ އަހަރުން ފެށިގެންނެވެ. އަދި މިހާރު ރާއްޖެއަކީ އެ ކުންފުނިން އުފައްދާ މައިލޯ އެންމެ ގިނައިން އެތެރެކުރާ ގައުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު