ފަރަންސޭސި ޓޮޓާލް ކުންފުނީގެ ވެރިޔާ ޑިމާގެރީ އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ

މޮސްކޯ (އޮކްޓޯބަރ 21) : ތެލުގެ ސިނާއަތާބެހޭ ފަރަންސޭސިވިލާތުގެ ބިޔަ ކުންފުންޏެއް ކަމަށްވާ ޓޮޓާލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފްސަރު (ސީއީއޯ) ޑިމާގެރީ، މަތިންދާބޯޓު ވެއްޓުމުގެ ޙާދިސާއެއްގައި އަވަހާރަވެއްޖެ އެވެ.

ރަޝިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަނިކޮށް ޑިމާގެރީ އަވަހާރަވީ އޭނާ ދަތުރުކުރެއްވި ޕްރައިވެޓް ޖެޓް ސްނޯކެހުމަށް ބޭނުންކުރާ ޖައްރާފާއެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ. މިހާދިސާ ހިނގާފައި ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގެ އެއަޕޯޓެއް ކަމަށްވާ ވޮންކޮވޯ އެއަޕޯޓްގަ އެވެ. ވޮންކޮވޯ އެއަޕޯޓަކީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއާއި އެގައުމުގެ އިސްވެރިންނާއި އެގައުމުގެ ކުންފުނިތަކުގެ ވެރިންނާއި މުއްސަނދި މަހުޖަނުންގެ އިތުރުން އެގައުމަށް ޒިޔާރަތްކުރާ މިފެންވަރުގެ ބޭރުގެ އިއްޒަތްތެރިންނާއި މުއްސަނދިންގެ ޕްރައިވެޓް ޖެޓްތަކުގެ ދަތުރުތަކަށް ޚާއްސަ އެއަޕޯޓެކެވެ.

ވޮންކޮވޯ އަރޕޯޓްގެ ފަރާތުން ވާހަކަ ދެއްކެވި ތަރްޖަމާނަކު ވިދާޅުވީ މިއެކްސިޑެންޓްގައި އެބޯޓުގެ ތިން ފަޅުވެރިންނާ އެކު ޑިމާގެރީ އަވަހާރަވެފައިވާ ކަމަށާ ޖިނާއީ މައްސަލައެއްގެ ގޮތުގައި މިހާދިސާ ތަހްގީގް ކުރަމުން ގެންދާކަމުގަ އެވެ.
ފަރަންސޭސިވިލާތުގެ ޓޮޓާލް ކުންފުނިންވެސް ވަނީ އެކުންފުނީގެ ވެރިޔާ ޑިމާގެރީ އަވަހާރަވިކަން ކަށަވަރުކޮށްދީފަ އެވެ. އެކުންފުނިން ނެރުނު ބަޔާނުގައި މިހާދިސާ ހިނގީ މޮސްކޯގެ ގަޑިން ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާ އެއީ ޕެރިހުގެ ގަޑިން ރޭ އިރާކޮޅު 10 އަކާއި 11 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ބުނެފައިވެ އެވެ.

ޑިމާގެރީގެ މަރާގުޅިގެން ޓޮޓާލް ކުންފުނިން ނިހާޔަތަށް ހިތާމަކުރާކަމަށް ބުނެ އޭނާގެގެ އާއިލާއަށް މިބަޔާނުގައި ތަޢްޒިޔާ ރައްދުކޮށްފައިވެ އެވެ. ތެލުގެ ސިނާއަތާބެހޭ ފަރަންސޭސިވިލާތުގެ ޓޮޓާލް ކުންފުންޏަކީ އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ކުންފުންޏެވެ. ޔޫރަޕްގައި ތިންވަނައަށް އެންމެ ބޮޑު ކުންފުންޏެވެ. މަލްޓިނެޝަލް މިކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑެތި އަދި މަޝްހޫރު އަދި މުއްސަނދި ކުންފުނިތަކުގެ ލިސްޓުގެ ކުރީގައިއުޅޭ ކުންފުންޏެކެވެ. އެކުންފުނީގެ މާކެޓް ވެލޫ އަކީ 102 ބިލިޔަން ޔޫރޯއެވެ. ޑިމާގެރީގެ މަރާގުޅިގެން ފަރަންސޭސި ބޮޑުވަޒީރު މެނުއަލް ވާލްސް ވިދާޅުވީ އޭނާއަކީ ވިޔަފާރީގައި އާދަޔާޚިލާފު ހުނަރެއް ލިބިފައިވާ ކުޅަދާނަ ވިޔަފާރި ވެރިއެއްކަމަށާ ޑިމާގެރީ މަރަކީ ފަރަންސޭސިވިލާތަށް އަލުން އިޢާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއްކަމުގަ އެވެ.

ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވަނީ މިހާދިސާއާގުޅިގެން އޭނާ އަށް ހިތާމައިގެ ޝޮކެއް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވެ ޑިމާގެރީގެ އާއިލާއަށް ތަޢްޒިޔާ ރައްދު ކުރައްވާފަ އެވެ. އުމުރުން 63 އަހަރުގެ ޑިމާގެރީ ޓޮޓާލް ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެވުނީ 2007 ވަނަ އަހަރުގަ އެވެ. ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންވެސްވަނީ ޑިމާގެރީގެ މަރާގުޅިގެން ފަރަންސޭސި ސަރުކާރަށް ތަޢްޒިޔާ ފޮނުއްވާފަ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު