ޝަހުމާއި ލުތުފީގެ މައުލޫމާތު ދޭ ބަޔަކަށް 75،000ރ. ހުށަހަޅައި، ހަތިޔާރު ބޭނުކުރުމުގެ ހުއްދަދީފި

މާފުށީ ޖަލުން ފިލައިގެން އުޅޭ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް ފިލައިގެން އުޅޭ ނުރައްކާތެރި ކުށްވެރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގައި އެ ދެ ކުށްވެރީން ހައްޔަރު ކުރެވޭވަރުގެ ހެއްކާއެކު މައުލޫމާތު ދޭ މީހަކަށް 75،000 ރުފިޔާގެ އިނާމެއް ދިނުމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

މިކަން އިއުލާންކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން


"އިބްރާހީމް ޝަހުމް، ގ. ކޯޒީ މާލެ، އަބްދުﷲ ލުތުފީ، ހ. ހާޖަރާގެ، މާލެ، މިއަދު މިނިސްޓްރީން އަޅުގަނޑުމެން މި އިއުލާން ކުރަނީ މި ދެމީހުންކުރެ މީހަކު ހޯދުމުގައި އަދި މިދެމީހުންކުރެ މީހަކު ހިފައި ހައްޔަރު ކުރެވޭވަރުގެ ހެއްކާއެކު އެއްވެސް މައުލޫމާތެއް ފުލުހުންނަށް ދިން ފަރާތަކަށް 75000 ރުފިޔާގެ އިނާމެއް މި މިނިސްޓްރީން ދޭނަން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޝަހުމް ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގައި ސިފައިންގެ އެހީތެރިކަމަށް އެދި ފުލުހުންގެ ގާނޫނުގެ 71 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑިފެންސް މިނިސްޓްރީގައި މިއަދު އެދިފައިވާނެ ކަމަށެވެ.

އޭނާ ހޯދުމުގައި ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ ބަޑިޖެހުމުގެ ފުރިހަމަ އިޚްތިޔާރު ސިފައިންނަށްދީފައިވާ ކަމަށާއި ބަޑިޖެހުމުން މީހެއްގެ ފުރާނައަށް ލިބޭ ގެއްލުމަކަށް ސަރުކާރުން ވެސް އަދި އެކަމުގައި ހަރަކާތްތެރިވާ ސިފައިންނާއި ފުލުހުން ވެސް ނުނަގާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ޝަހުމްއަށް ޝަހުމް ދަންނަ ހުރިހާ އެންމެންނަށް އިލްތިމާސްކުރަން. މިހާރުން މިހާރަށް ފުލުހުންނާ ހަވާލުވާން. އެހެންނޫނިއްޔާ އޭނާ ހައްޔަރުކުރާ ވަގުތުގައި ދިމާވެދާނެ ހާދިސާއެއްގައި ފުރާނަ ގެއްލުނަސް އަޅުގަނޑުމެން ޒިންމާ ނުވާނެ ވާހަކަ ދަންނަވަން،" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ޝަހުމްއާ އެކު ޖަލުން ފިލި ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަހްމަދު ފެނުނު އިރު އޭނާ ވަނީ އިސްތަށިގަނޑެއްގައި ސިފަ ބަދަލުކޮށްފައި ކަމަށެވެ. އެހެންކަމުން ޝަހުމް ވެސް މިހާރު ސިފަ ބަދަލުކޮށްގެން ކަމަށް އުޅެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މާފުށީ ޖަލުން ފިލި ދެމީހުންގެ ތެރޭގައި ހިމެނޭ ފަރިޔާޝް: އޭނާ ހައްޔަރުކޮށްފައިވަނީ މާލެ އިން -- ފޮޓޯ: ޕޮލިސް

"ހުރިހާ ބޭފުޅުން ވެސް އޭނާ [ޝަހުމް] ސިފަ ބަދަލުކޮށްފައި ހުރެދާނެ ކަމަށް، ބޮލުގައި އިސްތަށިގަނޑެއް ޖަހާފައި ހުރެދާނެ ކަމަށް. ވިގެން އަޅާފައި، ދިގު ވިގެއް ޖަހާފައި، އެހެން ކުލައެއްގެ ވިގެއް ޖަހާފައި، އައިނުއަޅާފައި، ތޮފި އަޅާފައި، ތުނބުޅި ބަހައްޓާފައި، ތުނބުޅި ބާލާފައި، ތުނބުޅި ކޮށާފައި އެކި ގޮތްގޮތަށް ހުރެދާނެ ކަމަށް ބެއްލެވުމަށް ވެސް ދަންނަވަން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު