ރައީސް ނަޝީދު ޖަޕާނަށް ފުރާވަޑައިގެންފި

ޝަރުޢީ ދާއިރާގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ އަަހަރީ ބައްދަލުވުމުގައި ތިމާވެއްޓާ ގުޅޭ ޚާއްސަ ޚިޠާބު ދެެއްވުމަށް ކުރީގެ އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ޖަޕާނަށް ރޭ ފުރާވަޑައިގަންނަވައިފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށްދާ އެ ބައްދަލުވުމުގެ ޝަރަފްވެރި މެހެމާނަކީ ނަޝީދު ކަމަށައި އަދި ތިމާވެއްޓާ ގުޅޭ ހިތާބު ނަޝީދު ދެއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ކަަމަށެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެ ބައްދަލުވުމުގެ އިފްތިތާޙީ ޖަލްސާގައި ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އޭބް އަދި ޖަޕާންގެ އެމްޕެރާ އާއި އެމްޕްރެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ތޯކިޔޯގައި ކުރިއަށްދާ އެ ބައްދަލުވުމުގައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ އިންސާނީ ޙައްގުތަކާ ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ އައިބީއޭގެ ޚާއްސަ ރިޕޯޓު އިފްތިތާޙު ކުރާނެ ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ. އަދި އެ ރިޕޯޓުގައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ދިރިއުޅުމަށް އަންނަ ބަދަލުތަކާއި އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ހޯދިފައިވާ ހޯދުންތައް ކޮންފަރެންސްގެ ބައިވެރިންނާ ހިއްސާކުރެވޭނެ ކަމަށް ވެސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު