ފިލްމީ ދާއިރާގެ ރާނީގެ ލަގަބް ހަގީގަތުގައި ވެސް ނިއުމާއަށް!

ފިލްމީ ދާއިރާ އަށް ނިއުމާ މުހައްމަދު ނުކުތްއިރު އޭނާއަކީ ގިނަ ޑައިރެކްޓަރުން ބޭނުންވި މޫނެއް ނޫނެވެ. އާއްމުންގެ މަގުބޫލުކަން ކުޑަ، ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒު ވަމުން ދިޔަ އެއް ފަންނާނެކެވެ. އޭނާ އެ ދާއިރާ އިން ކުރިއަށްދާން އޭރު ޖެހުނީ އާއިލާ އާއި ރައްޓެހިންގެ ތާއީދު ވެސް ނެތި އެވެ. ނަމަވެސް މިއަދު ނިއުމާ އަށް ފިލްމެއްގެ ލީޑްރޯލް ދޭން ޖެހިލުންވާނެ ޑައިރެކްޓަރަކު ފިލްމީ ދާއިރާއަކު ނެތެވެ. މިއަދު ނިއުމާ އަކީ އެ ދާއިރާގައި ހުރި އެންމެ މަޝްހޫރު އެންމެ ގިނަ ޑައިރެކްޓަރުންނާއި އާއްމުން އެންމެ ލޯބިވާ އެންމެ ބަލައިގެންނަ އެއް ފަންނާނެވެ.

ނިއުމާ ވަނީ ފިލްމް އިންޑަސްޓްރީގައި މެދުކެނޑުމެއް ނެތި ކާމިޔާބު ވިހި އަހަރު ހޭދަކޮށްފަ އެވެ.

ނިއުމާ އެ ދާއިރާ އަށް ތައާރަފްވެގެން ދިޔައީ 1994 ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން ޑްރާމާ ސިލްސިލާއެއް ކަމަށްވާ "ހިތި ތަޖުރިބާ" އިންނެވެ. އެ ޑްރާމާ ސިލްސިލާ އަށް ފަހު ގިނަ ބައެއްގެ ފާޑުކިޔުންތައް ނިއުމާ އަށް އަމާޒުވާން ފެށި އެވެ. ނަމަވެސް އެއީ އެ ދާއިރާ އިން ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމުގައި ނިއުމާ ބަލައިގަތެވެ.

ނިއުމާ އަށް ފިލްމަކުން ޖާގަ ނުދޭން އަޒުމް ކަނޑައަޅައިގެން ތިބި ޑައިރެކްޓަރުންގެ ލޯތައް ވެސް ހިތިތަޖުރިބާއާ ހަމައިން އޭނާ އަށް އަމާޒުވާން ފެށި އެވެ. އަދި ގިނަ ޑައިރެކްޓަރުންތަކެއް އޭނާ އާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރި އެވެ. ނަތީޖާއަކަށްވީ ނިއުމާ އަށް ރާއްޖޭގައި އޭރު ތިބި އެންމެ މަޝްހޫރު ޑައިރެކްޓަރުންގެ ފިލްތަކުން ޖާގަ ލިބެން ފެށުމެވެ.

އެކްޓިން އަކީ ނިއުމާ ސްކޫލް ދައުރުން ފެށިގެން ކުރާ ހިތްވި ކަމަކަށްވާ އިރު، އޭނާ ބަލަމުން ގެންދިޔައީ އެ ދާއިރާގައި އޭރު ތިބި އެންމެ މަޝްހޫރު ތަރިން ކަމަށްވާ މަރިޔަމް ނިޝާ އާއި އައިޝަތު ޝިރާނީއާ އެއް ފެންވަރަކަށް އޭނާގެ އެކްޓްކުރުމުގެ ހުނަރު އިތުރު ކުރުމެވެ. އެދާއިރާ އިން އޭނާ ކުރިއަށްދާން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެންމެ މަޝްހޫރު ޑައިރެކްޓަރުންގެ ޝައުގުވެރިކަން ނިއުމާ އަށް ލިބިގެން ދިޔުމެވެ.

އެގޮތުން މިހާތަނަށް ދިވެހި ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު ފިލްމް ކަމުގައިވާ ސްލޭމް ސްޓޫޑިއޯގެ "ފަތިސް ހަނދުވަރު" އިން ނިއުމާ އަށް ބޮޑު ލީޑްރޯލެއް ލިބުނެވެ. އަދި ފިލްމު ފަތިސްހަނދުވަރަށް ފަހު ނިއުމާ އަކީ އާއްމުންގެ މަގުބޫލުކަމާއި ލޯބި ލިބިފައިވާ އެންމެ މަގުބޫލް އެކްޓްރެސް އަށް ވެގެން ދިޔަ އެވެ.

ފިލްމީ ދާއިރާގައި ނިއުމާ ފިޔަޖަހަން ފެށީ "ފަތިސްހަނދުވަރު" އަށް ފަހުގަ އެވެ. އެ ފިލްމަށް ފަހު އެ ދާއިރާ އިން ގިނަ ފުރުސަތުތަކެއް ނިއުމާއަށް ލިބެން ފެށި އެވެ. އެގޮތުން ނިއުމާ ވަނީ މިހާތަނަށް 50 ފިލްމް ކުޅެ 1000 އަށް ވުރެ ގިނަ ވީޑިއޯ ލަވަ ކުޅެފަ އެވެ. އޭގެތެރެއިން ނިއުމާގެ ގިނަ ފިލްމްތައް ވަނީ ސުޕަހިޓަކަށް ވެފަ އެވެ.

މަޝްހޫރު ޑައިރެކްޓަރު އަހުމަދު ފައްތާހު ދެކޭ ގޮތުގައި ނިއުމާ އަކީ ފިލްމް އިންޑަސްޓްރީގެ ރަނިކަން ކުރަމުން އަންނަ "ބިއުޓީ ކުއީން" އެވެ.

ނިއުމާ އެ ދާއިރާ އަށް ނެރެދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރު އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ މިހާރުގެ މެމްބަރު މަރިޔަމް ޝައުގީ ވިދާޅުވީ ނިއުމާ އެ ދާއިރާ އަށް ނެރުނު އިރު އޭނާއަކީ އެހާ މޮޅު އެހާ ކާމިޔާބު އެކްޓްރެސްއަކަށް ވާނެ ކަމަށް އޭނާ ހީވެސް ނުކުރާ ކަމަށެވެ.

ފިލްމީ ދާއިރާ އިން ނިއުމާ ހޯދަން ބޭނުންވި ކާމިޔާބީ އޭނާ ވަނީ އެ ދާއިރާގައި ހޭދަ ކުރި 20 އަހަރު ދުވަހުގެ ތެރޭގައި ހޯދައިފަ އެވެ. ނިއުމާ ބުނި ގޮތުގައި އޭނާ އަށް ފިލްމީ ދާއިރާ އިން އޭނާ ބޭނުންވި ކާމިޔާބީ މިހާރު ވަނީ ލިބިފަ އެވެ. އަދި އޭނާގެ ފިލްމީ ކެރިއަރުގައި ހޭދަ ކުރި 20 އަހަރުގެ ތެރޭގައި އެއްވެސް ފިލްމީ ފަންނާނަކު ނުވަތަ ޑައިރެކްޓަރަކު ހިތްހަަމަނުޖެހޭ ގޮތަކަށް ކަމެއް އޭނާގެ ފަރާތުން ވެފައިވާ ނަމަ އެކަމަށް ނިއުމާ ވަނީ މައާފަށް އެދިފަ އެވެ.

ނިއުމާ އަށް އެ ދާއިރާގައި އޭނާ ކުރި މަސައްކަތްތަކަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާ އިރު އެންމެ ފުރަތަމަ އޭނާ އަށް ލިބުނު ކާމިޔާބީ އަކީ އާފަތިސް އެވޯޑުން ދިން ބެސްޓް ޕާފޯމެންސް އެވޯޑެވެ. އެ އެވޯޑަށް ފަހު އޭނާ އަށް މިއަދު ނޫހުގެ ފިލްމް ކްރިސްޓަލް އެވޯޑާއި ގައުމީ ފިލްމް އެވޯޑުން އެންމެ މޮޅު އެކްޓްރެސްގެ މަގާމު ވަނީ ލިބިފަ އެވެ. އަދި މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ފިލްމް އެވޯޑުން ޖެހިޖެހިގެން ތިން އަހަރު އެންމެ މޮޅު އެކްޓްރެސްގެ މަގާމު އޭނާ ވަނީ ހޯދައިފަ އެވެ. އަދި އޭނާގެ މަސައްކަތް ބަލައިގަނެ ދިވެހި ސަރުކާރުން ވަނީ އޭނާ އަށް އާއްމު ހިތްވަރު ދިނުމުގެ އިނާމު ވެސް ދީފަ އެވެ.

ފިލްމީ ދާއިރާ އިން ނިއުމާ އަށް ލިބުނު ކާމިޔާބީތަކަށް ފަހު ނިއުމާ ވަނީ އެކްޓު ކުރުމުގެ އިތުރުން ޑައިރެކްޓް ކުރުމުން ވެސް އޭނާގެ ހުނަރު އާއްމުންނަށް ދައްކާލައިފަ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ޑައިރެކްޓް ކުރި ދިވެހި ފިލްމް "ނިއުމާ" އިން އޭނާ އަށް 2012 ވަނަ އަހަރު ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް