ތިނަދޫގައި ހުޅުޖެހުމުގެ ދައުވާ އަށް އިތުރު ފަސް މީހަކު އިންކާރުކޮށްފި

ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖަހާފައި ---- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ޖެހިގެންއައި ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އަށް އިތުރު ފަސް މީހަކު އިންކާރުކޮށްފިއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިންކާރުކޮށްފައި ވަނީ ގދ. ތިނަދޫ ފާހި، އަފްރާހު އައްބާސް އާއި އެރަށު ގަހާދޮށުގޭ އަހްމަދު ހުޒާމް އަލީ އާއި އެރަށު ފަޒާ، ހަސަން މޫސާ އާއި އެރަށު ރަންގަލް، ހަސަން ލޫތުގެ އިތުރުން އެރަށު އުޖާލާގޭ އަބްދުލް ވާހިދެވެ.

އެމީހުންގެ ތެރެއިން އަފްރާހު އާއި ހުޒާމް އާއި ހަސަން މޫސާގެ އިތުރުން ލޫތު އަކީ މިހާރުވެސް ޖަލުގައި ހުކުމްތަންފީޒު ކުރަމުން އަންނަ ބައެކެވެ. އަބްދުލް ވަހީދަކީ އަޑުއިވުމުގައި މައްސަލަތަކެއް އުޅޭ މީހަކަށް ވާތީ އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ވަކިންނެވެ.

އެ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ، ފުލުހުންނަށް ހަމަލާދީ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމުގެ ތުހުމަތުގައެވެ. އަދި އެމިހުންގެ ތެރެއިން ލޫތު ގދ. އަތޮޅު ކައުންސިލް އިދާރާ ތެރެއަށް ވަދެގެންފައިވާ ކަމަށް ވެސް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެމީހުންގެ ތެރެއިން ހަސަން މޫސާ ބުނީ ދައުވާގައި ބުނާ ކަންތައްތަކަކީ އޭނާ ކުރި ކަންތައްތަކެއް ނޫންކަމަށާއި އެދުވަހު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ހަސަން މޫސާ އާއި އަފްރާހު އާއި ހުޒާމް ބުނީ އެމީހުން ބޭނުންވަނީ ވަކީލަކާ ނުލައި މައްސަލަ ކުރިއަށްގެންދަން ކަމަށެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ އަށް ޖަވާބުދާރީވުމަށްފަހު އެ އެންމެން ވެސް ދިފާއުގައި ހެކި ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެދުވަހަށްފަހު ހުށަހަޅާ ހެކި ބަލައި ނުގަނެވޭނެ ކަމަށް ވެސް އިސްގާޒީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަން އުޅުނު މީހުންގެ ތެރެއިން ގދ. ތިނަދޫ ވެސްޓްޕޯލްއިރު އަހްމަދު ސަލީމް އާއި އެރަށު ތެދުއުއި އަހްމަދު ސާދިގު އާއި އެރަށު ނޫރާނީގޭ މުހައްމަދު އަބްދުﷲ އާއި އެރަށު ސްކޫނާ މުހައްމަދު ވާސިފް ހާޒިރުކުރެވިފައެއް ނުވެއެވެ.

އިސް ގާޒީ ވިދާޅުވީ އެމީހުންގެ ތެއިން އެކަކު ޗިޓާ ހަވާލުވާން ދެކޮޅު ހަދާފައިވާއިރު ބައެއް އުޅޭތަނެއް އެނގިފައިނުވުމުން ޗިޓު ހަވާލުކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ އެންމެން ވެސް ބަންދުގައި ބަހައްޓައިގެން ދެން އޮންނަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް