ޖަލުން ފިލި ފަރިޔާޝް ހައްޔަރުކޮށްފި

ކ. މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން މިދިޔަ ހުކުރު ދުވަހުގެ ރޭ ޖަލުން ފިލައިގެން އުޅެނިކޮށް އޭގެ ތެރެއިން ފަރިޔާޝް އަހުމަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެދެ ކުށްވެރިންގެ ތެރެއިން އެކަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

"އެދެ ކުއްވެރިންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިން، އަނެކަކު ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ފަރިޔާޝް އަހުމަދެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މާލެގެ ކެފޭއެއްގައި ސައިބޯން އިންދަ އެވެ.
މާފުށީ ޖަލުން ފިލި ދެމީހުންގެ ތެރޭގައި ހިމެނޭ ފަރިޔާޝް: އޭނާ ހައްޔަރުކޮށްފައިވަނީ މާލެ އިން -- ފޮޓޯ: ޕޮލިސް

މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ފަރިޔާޝް އަހުމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.

އެ ދެ ކުށްވެރިން ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފުލުހުން ގެންދަނީ ފެރީ ޓާމިނަލްތަކާއި ވެހިކަލްތައް ޗެކްކުރަމުންނެވެ. އަަދި އެ މަސައްކަތުގެ ދަށުން މިހާތަނަށް މާފުށްޓާއި ގުރައިދޫ އާއި ގުޅި އަދި ހިއްމަފުށި ވެސް ވަނީ ބަލައިފާސްކޮށްފަ އެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކާއި ތަންތަން ވެސް ދަނީ ބަލަމުންނެވެ. އަދި ކޯޓުއަމުރުގެ ދަށުން، މީހުން ދިރިއުޅޭ ބައެއް ގޭގެ ވެސް ދަނީ ފާސްކުރަމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. މީގެ އިތުރުން ވެސް އެމްއެންޑީއެފް އާއި ގުޅިގެން ފުލުހުން ގެންދަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ވެސް ބަލައި ފާސްކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު