ފެޝަން ޑިޒައިނިންގެ "ލެޖެންޑް" އޮސްކާ މަރުވެއްޖެ

ހޮލީވުޑްގެ މަޝްހޫރު ތަރިންގެ އިތުރުން ޕްރިންސަސް ޑަޔާނާ ފަދަ ހާއްސަ ބޭކަނބަލުންގެ ހެދުން ފަރުމާކުރި، ފެޝަން ޑިޒައިނިންގެ "ލެޖެންޑް" އޮސްކާ ޑި ލަ ރެންޓާ މަރުވެއްޖެ އެވެ.

އޮސްކާ ޑި ލަ ރެންޓާގެ އަންހެނުން އެނެޓްއާ ހަވާލާދީ ޑެއިލީމެއިލް އިން މިއަދު ބުނި ގޮތުގައި ޑި ލަ ރެންޓާ މަރުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެމެރިކާގެ ކޮނެޓިކަޓުގައި އޭނާގެ ގޭގައި ހުއްޓައި ކަމަށެވެ. ޑި ލަ ރެންޓާގެ މަރުގެ ސަބަބު އަދި ހާމަވެފައިނުވާ ނަމަވެސް އޭނާ އަކީ 2006 ވަނަ އަހަރުއްސުރެ ކެންސަރު ބައްޔަށް ފަރުވާހޯދަމުން އައި މީހެއް ކަމަށް މީޑިއާގެ ރިޕޯޓުތަކުން ހާމަކޮށްފައިވެ އެވެ.

އުމުރުން 82 އަހަރުގައި މަރުވި އޮސްކާ ޑި ލަ ރެންޓާއަކީ ވަރަށް ކާމިޔާބު ފެޝަން ޑިޒައިނިންގް ކުންފުންޔެއްގެ ވެރިއެކެވެ. ގިނަ އަދަދެއްގެ ނަން މަޝްހޫރު ބޭކަނބަލުންގެ އިތުރުން ހޮލީވުޑްގެ އެތައް ތަރިއެއްގެ ވެސް ހެދުން ފަރުމާކޮށްފައިވާ ކުންފުންޏަކަށް އޮސްކާ ޑި ލަ ރެންޓާގެ ކުންފުނިވާނެއެވެ.

"އޮސްކާ ނެތުމުން އަހަރުމެންގެ ހިތްތައް ވަނީ ކުދިކުދިވެފައި. ނަމަވެސް އޭނާ އަހަރުމެންނާ އެކު އެބަހުރި. އޮސްކާގެ މިނެތް މަސައްކަތާއި، އޭނާގެ ވިސްނުމާއި، އޭނާގެ ލޯތްބަކީ މިކުންފުނީގެ ދިރުން،" ޑި ލަ ރެންޓާގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޮސްކާ ޑި ލަ ރެންޓާ ވަނީ އެމެރިކާގެ ސަރުކާރުގެ ހާއްސަ ބޭކަނބަލުން ބޮޑެތި ޖާފަތްތަކަށާއި އިވެންޓުތަކަށް ދިޔުމަށް ރީތި ހެދުން ޑިޒައިންކޮށްދީފައި ކަމަށް ޑެއިލީމެއިލް އިން ބުންޏެވެ. އޭގެތެރޭގައި އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން، އެމެރިކާގެ މިހާރުގެ ރައީސް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ، ޕްރިންސަސް ޑަޔާނާ ފަދަ ނަން މަޝްހޫރު ބޭކަނބަލުން ހިމެނެ އެވެ.

އޮސްކާ ޑި ލަ ރެންޓާގެ ޑިޒައިނާ ހެދުން ލައިގެން ރެޑް ކާޕެޓް އިވެންޓުތަކުން ހޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ އޯޑްރީ ހެޕްބާން، ކެމެރޮން ޑިއާޒް، ޖެނިފާ ގާނާ، އޭމީ އެޑަމްސް، ނިކޯލް ކިޑްމަން، ޕެނެލޮޕީ ކްރޫޒް، ކްރިސްޓަން ސްޓޫވާޓް ފަދަ މަގުބޫލު ފަންނާނުން ފެނިގެންގޮސްފައިވެ އެވެ. އޭގެ އިތުރުން ލަވަކިޔުންތެރިން ކަމަށްވާ ޓޭލާ ސްވިފްޓް އާއި ބިޔޯންސޭވެސް ހިމެނެ އެވެ.

އޮސްކާ ޑި ލަ ރެންޓާގެ މަސައްކަތް ފާހަގަކޮށް މިދިޔަ އަހަރު އޭނާ އަށް ވަނީ ކައުންސިލް އޮފް ފެޝަން ޑިޒައިނާސް އޮފް އެމެރިކާގެ ފަރާތުން ފައުންޑާސް އެވޯޑު ވެސް ލިބިފަ އެވެ. މިއީ އެ ކައުންސިލުގެ ފަރާތުން ދެވޭ އެންމެ މަތީ ދަރަޖައިގެ އެވޯޑު ކަަމަށާއި އެއެވޯޑު ޑި ލަ ރެންޓާ އާ ހަވާލުކޮށްދެއްވީ ހިލަރީ ކްލިންޓަން ކަމަށް ވެސް ޑެއިލީމެއިލް އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު